ޕްލޭނިންގް މިނިސްޓްރީގެ ގަވާއިދުގައިވާ މިނަށް ވުރެ އުސްކޮށް އިމާރާތް ކުރުމަށް ހުއްދަ ދިން މައްސަލައެއްގައި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔާ އިބްރާހީމް ސުޖާއުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިންގް ގަވާއިދުގައިވާ މިނަށް ވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތް ކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައި ވާކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާ ކުރުމަށްޓަކައި އިއްޔެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ސުޖާއުގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ކަން ހިނގާފައި ވާގޮތަށް ބަލާއިރު، މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓު ކަމާއި އެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގެއެވެ.

ހަވާލާދެވުނު ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަ ދީ ޖަނަވަރީ 15، 2014 ގައި މާލޭ ސިޓީކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައި ވެއެވެ. ހަވާލާދެވުނު ހުއްދަތަކަކީ މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔާ އިބްރާހީމް ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށް އޭސީސީން ބުނެއެވެ.

މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައި ވަނީ، އެ ބިމުގައި "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަ ދީފައި ވާކަމަށް" ސުޖާއު، ޖަނަވަރީ 14، 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށެވެ. އެހެންނަމަވެސް، އެބިމުގައި އިމާރާތް ކުރުމަށް އެފަދަ ހުއްދައެއް ދީފައި ނުވާކަމާއި، އެލިޔުމަކީ، މާޅޭ ޕްލޭނިންގް ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށް ވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ސުޖާއު ސޮއިކޮށްފައިވާ ލިޔުމެއް ކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

އެހެންކަމުން، އެ ބިމުގައި 4 ބުރިއަށް އިމާރާތް ކުރުމަށް 1995 ވަނަ އަހަރު ހުއްދަ ދީފައި ވާކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށް ވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދީފައި ވަނީ، އިބްރާހީމް ސުޖާއު އަށް އެނގި ހުރެ، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ކަން ޝައްކެއް ނެތް މިންވަރަށް އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުކުރެވޭތީ، އިބްރާހީމް ސުޖާއުގެ މައްޗަށް، ދަޢުވާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ފޮނުވުމަށް ނިންމީ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.