ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އަށް މިއަހަރު ދެވަނަ ކުއާޓަރުގައި ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މިއީ ފަހު ދުވަސް ކަމަށް އެ ބޭންކުން ބުނެފިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ.

ބީއެމްއެލް އިން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަސް ކަމަށެވެ. އެގޮތުން މިލިންކު މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މުޖުތަމައަށް ފައިދާކުރާނެ 20 ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން. މިހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގުމަށް އެއް މިލައަން ރުފިޔާ ހޭދަކޮށްފައެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައެވެ.