ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވެ އަނދަމުންދާ ޕެނަމާގެ އެމްޓީ ނިއު ޑައިމަންޑް ތެޔޮ ބޯޓުން، 1 ކިލޯމީޓަރުގެ ސަރަހައްދަށް ޑީސަލް ބޭރުވެފައިވާ ކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާގެ ޕްރަދީޕް ބަނދަރަށް ދަތުރު ކުރަމުންދަނިކޮށް މައި އިންޖީން ރޫމްގެ ބޮއިލަރެއް ގޮވާ، މިދިޔަ ބުރާސްފަތި ދުވަހު ހާލުގައި ޖެހުނު އެމްޓީ ނިއު ޑައިމަންޑްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށް ނިއްވާލާފައިވަނިކޮށް، އަނެއްކާވެސް އެ ބޯޓުގައި ވަނީ ހުޅު ހިފާފައެވެ.

ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ބައިނަލްއަގުވާމީ ޓީމަކުން މަސައްކަތް ކުރަމުންދާއިރު، ގިނަ އަދަދަކަށް އިންޖީން ރޫމަށް ފެން ޖެހުމުގެ ސަބަބުން، އިންޖީން ރޫމާއި ވީ ކޮޅު މިހާރު އޮތީ އެހެން ބައިތަކަށްވުރެ އަޑިއަށްވާ ގޮތަށް ނުވަތަ ޓްރިމް ބައި އެފްޓް ޕޮޒިޝަންގައި ކަމަށް، އަލިފާން ނިއްވުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކާގެ ރަށް ބޭރުގައި އޮތް ޕެނަމާގެ އެމްޓީ ނިއު ޑައިމަންޑް ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކަނޑުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ކަން މިހެން އޮތްއިރު، އިންޖީން ރޫމާއި ދިމާލުން ފޫ ގޮސްފައިވާ ޓޭންކުތަކުގައި ޑީސަލް ރައްކާ ކޮށްފައި ވާ ކަމަށާ، އެ ޓޭންކުން ޑީސަލް ބޭރުވެ، އިންޖީން ރޫމް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑާއި އެކުވެ، ވައި ހުންނަ ގޮތުން ބޯޓު އޮތް މިސްރާބު ބަދަލުވަމުން ދާ ދިއުމުގައި ކަނޑަށް ބޭރުވަނީ ކަމަށް ބެލެވޭ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކަނޑުގެ ސަރަހައްދުން ޑީސަލްގެ އަސަރު ފެނުމާއެކު، ސްރީލަންކާގެ މައްޓަލަ މަހިންދާ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް އިންޑިއާގެ ކޯސްޓް ގާޑްގެ ޑޯނިއާ އެއާކްރާފްޓެއް ވަނީ، ހާދިސާ ހިނގި ސަރަހައްދަށް ދަތުރު ކޮށް، ޑީސަލް ޑިސްޕާސަންޓް މާއްދާއެއް، ވައިގެ މަގުން އެ ސަރަހައްދަށް އަޅާފައެވެ.

މި ޑިސްޕާސަންޓްއަކީ، ކަނޑުގެ ލޮނާއި އެކުވެފައިވާ ޑީސަލްގެ ކެމިކަލް ކޮމްޕޯނަންޓްތައް ބަދަލު ކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ޑިސްޕާސަންޓެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ޑީސަލްގެ ސަބަބުން، ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.

މި ބޯޓުގައި، އެތައް މެޓްރިކް ޓަނެއްގެ ސާފު ނުކުރާ ތެޔޮވެސް ރައްކާ ކޮށްފައިވެއެވެ. ނަމަވެސް، ސާފު ނުކުރާ ތެޔޮ ހުރި ދިމާލުން އަދި ލީކެއް ނުއުޅޭ ކަމަށާ، މިސަރަހައްދު އޮތީ ރައްކާތެރި ކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޓީ ނިއު ޑައިމަންޑްގައި 2 ވަނަ ފަހަރަށް ރޯވި އަލިފާންގަނޑުވެސް މިހާރު ކޮންޓްރޯލް ކުރެވިފައި ވާ ކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ޚަބަރު ދެއެވެ.

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާއަށް ދަތުރު ކުރަމުން ދަނިކޮށް، ސްރީލަންކާގެ ކަނޑުގެ ސަރަަހައްދުގައި ހާލުގައި ޖެހިފައިވާ ނިއު ޑައިމަންޑް ކާގޯ ބޯޓު/ފޮޓޯ: ޓްވިޓާ

މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ކަނޑުގެ ވެއްޓަށް ލިބުނު ގެއްލުންތައް ވަޒަން ކުރުމަށް، ދިރާސާ ޓީމަކުންވެސް ވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރިވެ، ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައެވެ.

ފިލިޕީންސްއާއި ގްރީސްއަށް ނިސްބަތްވާ މީހުން ހިމެނޭ ގޮތަށް، މިދިޔަ ބުރާސްފަތި ދުވަހު ބޯޓުން ސަލާމަތް ކުރި 20 ކުރޫ މެމްބަރުން ފާއިތުވީ ދުވަސްތައް ހޭދަކޮށްފައިވަނީ، ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ބޯޓެއްގައި، ކަރަންޓީނުގައެވެ. ނަމަވެސް، އިއްޔެގެ ވަގުތެއްގައި، ހަމްބަންޓޯޓާ ބަނދަރަށް އެމީހުން ބާލާފައިވާކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ކުރޫ ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ، އައިސޮލޭޓް ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާދީފައެވެ.

އެމްޓީ ނިއު ޑައިމަންޑް މިހާރު އޮތީ ސްރީލަންކާގެ އައްސޭރިފަށުގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރުގައެވެ.