ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަގާމަށް މ. ފަލްކަންގެ، މުހައްމަދު ނާސިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް މުހައްމަދު ނާސިހު އައްޔަންކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ކ) އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ގެ 3 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް މުހައްމަދު ނާސިހު އައްޔަންކުރެއްވުމުގެ ކުރިން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

މިއަދު މެންދުރު ރައީސްގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ހުވައި ލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.