ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލު ކޮށްފިއެވެ.

ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޒް އަލީ ރަޝީދު ހުސައިން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ޅ) ގެ ދަށުން ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ 64 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑރ. މުހައްމަދު އިބްރާހީމް އައްޔަން ކުރައްވާފައި ވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަަދުނާނެވެ.