މައި އިންޖީންރޫމްގެ ބޮއިލަރެއް ގޮވާ، ސްރީލަންކާގެ ރަށް ބޭރުން ހާލުގައި ޖެހިފައިވާ ޕެނަމާގެ ތެޔޮ ބޯޓު އެމްޓީ ނިއު ޑައިމަންޑްގައި ބުރާސްފަތި ދުވަހު ރޯވި އަލިފާންގަނޑު އާދީއްތަ ދުވަހުގެ މެންދުރު ފަހު ނިވާލާފައިވަނިކޮށް، އަނެއްކާވެސް އެ ބޯޓުގައި ރޯވާން ފަށާފައިވާކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްގެން ކުވައިތުން ފުރައިގެން އިންޑިއާގެ ޕްރަދީޕް ބަނދަރަށް ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވެ ހާލުގައި ޖެހިފައިވާ އެމްޓީ ނިއު ޑައިމަންޑްގައި ހޯމަ ދުވަހު އަނެއްކާވެސް އަލިފާން ރޯވާން ފަށާފައިވަނީ، ކަނޑުގެ ސަރަހައްދުގައި ވައި ގަދަވެގެން ކަމަށް ލަންކާގެ އަސްކަރިއްޔާއިން ބުނެއެވެ.

ސްރީލަންކާގެ ރަށް ބޭރުގައި އޮތް ޕެނަމާގެ އެމްޓީ ނިއު ޑައިމަންޑް ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކަނޑުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ސްރީލަންކާގެ ކަނޑުގެ އަސްކަރީ ފްލީޓާ، ސްރީލަންކާގެ ވައިގެ އަސްކަރިއްޔާގެ އިތުރުން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއާއި ކޯސްޓްގާޑްގެ އިތުރުން އަދިވެސް ކަމާބެހޭ އިތުރު ފަރާތްތަކުން ދަނީ އެމްޓީ ނިއު ޑައިމަންޑްގައި އަލުން ރޯވާންފެށި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކަން މިހެން އޮތްއިރު، ބޯޓު އަނބުރާ ގެންދިއުމުގެ މަސައްކަތްތައް ކުރުމަށް ސެލްވޭޖް އޮޕަރޭޝަން އެސްޕާޓުންނާ، ހާލަތު މުރާޖައާ ކުރާ ފަރާތްތަކާ، ގާނޫނީ ލަފާދޭ މުޝީރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޓީމެއް މިހާރު ސްރީލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ، އެގައުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބޯޓު ބޭރުވަންދެން، އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއީ ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްފައިވާ ބޯޓަކަށް ވާއިރު، ބޯޓަށް ގެއްލުންތަކެއް ވެ، ތެޔޮ ބޭރުވާން ފަށާފާނެ ކަމުގެ ބިރުވެރިކަން، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުން ވަނީ އުފުލާފައެވެ. ސްރީލަންކާގެ ރަށް ބޭރުން ތެޔޮ ބޯޓެއް ހާލުގައި ޖެހިފައި މިވަނީ، މީގެ މަހެއްހާ ދުވަސް ކުރިން މޮރިޝަސް ކައިރިން ބޯޓެއް ހާލުގައި ޖެހި، އިންޑިއާ ކަނޑުގެ ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ބޭރު، ތިމާވެށީގެ ކުއްލި ނުރައްކާ އިއުލާން ކޮށްފައިވަނިކޮށެވެ.

މޮރިޝަސްގެ ފަރަށް އުރިފައިވާ، ޖަޕާނުގެ ނަގަޝީކީ ޝިޕިންގްގެ އެމްވީ ވަކާޝިއޯ ބޯޓު/ފޮޓޯ: އެރިކް ވިއާޒް

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމުތަކަކަށް ވާއިރު، ތެޔޮ ބޭރުވެ، ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުމުގެ ނޭދެވޭ އަސަރު، އެ ގައުމުތަކުގެ މާލީ އަދި އިގުތިސޯދީ ސިނާއަތަށްވެސް ފޯރައެވެ.