ކެލިފޯނިއާގެ ޖަންގަލިތަކުގައި މިހާރު ރޯވެ، އަނދަމުންދާ އަލިފާންގަނޑުތަކުގެ ތެރެއިން އެއް އަލިފާންގަނޑަކީ، ބަނޑުގައި ގަރުބަގެންފައި ވަނީ ކޮން ޖިންސެއްގެ ކުއްޖެއްކަން ހާމަކުރުމަށް މިފަހަކަށް އައިސް ބާއްވަމުން އަންނަ "ޖެންޑާ ރިވީލް ޕާޓީ" އެއްގެ ސަބަބުން ރޯވި އަލިފާންގަނޑެއް ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޕާޓީގައި ބޭނުންކުރި ދުން އަރާ ޒާތުގެ "ޕައިރޯޓެނިކް ޑިވައިސް" އެއްގެ ސަބަބުން ރޯވި އަލިފާންގަނޑު، މިހާރު 7000 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

މިއީ ކެލިފޯނިއާ ސްޓޭޓްގެ އެކި ހިސާބުތަކުގައި ރޯވެ، އަނދަމުންދާ 24 އަށް ވުރެ ގިނަ އަލިފާންގަނޑުތަކުގެ ތެރެއިން އެއް އަލިފާންގަނޑެވެ.

ކެލިފޯނިއާގައި ރޯވަމުންދާ އަލިފާންގަނޑު ފެށުނީ ޖެންޑާ ރިވީލް ޕާޓީއެއްގައި ބޭނުންކުރި ޕައިރޮޓޮނިކް ޑިވައިސްއަކުން/ފޮޓޯ: އޭބީސީ 7

މި ދުވަސްވަރަކީ ކެލިފޯނިއާއަށް އާދަޔާ ހިލާފަށް ހޫނު ގަދަވަމުން އަންނަ ދުވަސްވަރެކެވެ. އާދީއްތަ ދުވަހަކީ، ކެލިފޯނިއާގެ ހުޅަނގު-ދެކުނު ސަރަހައްދުގެ މޫސުން ރެކޯޑް ކުރަން ފެށި ފަހުން މިހާތަނަށް އައި އެންމެ ހޫނުގަދަ ދުވަސް ކަމަށް މައުލޫމާތު ލިބެއެވެ.

ކެލިފޯނިއާގައި މިހާރު ރޯވަމުންދާ އަލިފާންގަނޑުތަކުގެ ތެރެއިން އެންމެ ބޮޑީ "ކްރީކް ފަޔާ" ގެ ނަމުން ނަން ދީފައިވާ އަލިފާންގަނޑެކެވެ. މި އަލިފާންގަނޑު، 73000 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައިވާއިރު، މިއިން އެއްވެސް ބައެއް އަދި ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ޚަބަރު ލިބެއެވެ.

ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަން (ކެލް ފަޔާ) އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަދުގެ މޫސުމާ، ހަނަފަސްކަމަށް ބަލާއިރު، ވަރުގަދަ އަލިފާންގަނޑެއް ފެށުމަކީ މާ ދުރުގައި އޮތްކަމެއް ނޫން ކަމަށެވެ. އަލިފާންގަނޑުތަކަށް މަގުފަހިކުރާ ފަރާތްތައް، ޖިނާއީ ގޮތުންނާއި މާލީ ގޮތުން ޖަވާބުދާރީ ކުރެވިދާނެ ކަމަށްވެސް ކެލް ފަޔާއިން ވަނީ އިންޒާރުކޮށްފައެވެ.

މިއީ އެމެރިކާގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުގެ އޭޕްރިލް މަހު އެރިޒޯނާގައި ހިނގި މިފަދަ ހަދިސާއެއްގައި 45000 އޭކަރުގެ ސަރަހައްދަކަށް އަލިފާންގަނޑު ފެތުރެވެ. އެ ފަހަރުގެ ހާދިސާއަކީވެސް ޖެންޑާ ރިވީލް ޕާޓީއެއްގެ ނަތީޖާއެވެ. އެ ހާދިސާއާއި ގުޅިގެން، ދަރިފުޅުގެ ބައްޕައަށް ވަނީ 5 އަހަރުގެ ޕްރޮބޭޝަނެއް ދީފައެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 8 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްވެސް ދައްކަން ޖެހުނެވެ.