ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ބުނީ މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ވިލިމާލެ ކުޑަކުދިންގެ ހިޔާގެ 2 ވަނަ އިމާރާތުގެ ޓެރަސްގައި އެއްޗެހި ރައްކާކުރުމަށް ހަދައިފައިހުރި ގުދަނުގައި ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ކުޑަކުދިންގެ ހިޔާގައި ރޯވި އަލިފާންގަނޑުގައި ގެއްލުނު ލިބުނު ތަންތަން/ ފޮޓޯ: އެމްއެންޑީއެފް

އެ އިމާރާތުގައި ރޯވި އަލިފާން އެމްއެންޑިއެފް ގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ނިއްވާލައިފައިވާ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތު ދެއެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މެ 4، 2021 ވަނަ ދުވަހުވެސް ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިގައިފައި ވެއެވެ.

އެ އަލިފާނުގެ ހާދިސާގައި އެ ހިޔާގައި ތިބޭ ކުދިންގެ އައްނައުނު ބަހައްޓާ އަލަމާރިއާއި ކަބަޑުތައް ވަނީ މަނީ މުޅިންހެން އަނދާ އަޅިއަށް ވެފައެވެ. ހަމައެއާއެކު އެތަނުގައި ހުރި ބައެއް އެނދުތަކާއި ހިފާ ގެންގުޅޭ ސާމާނުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.