ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އދގެ 200 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައި ވާ ކަން، ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އދގެ ސޫރިޔާ ރެސިޑެންޓް ކޯޑިނޭޓާ އިމްރާން ރިޒާ ފޮނުއްވި ސިޓީއެއް ރޮއިޓާޒް ނިއުސް އޭޖެންސީއަށް ލީކުވެގެން ކަމަށް، އަލްޖަޒީރާ އިންގްލިޝްއިން ވަނީ ރިޕޯޓް ކޮށްފައެވެ. ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއް އެޅުމުގެ މަސައްކަތްވެސް އދއިން ކުރަމުން އަންނަ ކަމަށް ރިޒާ ވިދާޅުވެފައި ވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އދގެ މުވައްޒަފުންގެ ތެރެއިން 200 އަށްވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވާއިރު، ބައެއް މެމްބަރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާ ކަމަށާ، އަދި 3 މެމްބަރަކު މެޑިކަލް އިވެކުއޭޝަންގެ ދަށުން ބޭރު ކޮށްފައި ވާކަމަށްވެސް ރިޒާ ވިދާޅުވި ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އދގެ މުވައްޒަފުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވްވި ޚަބަރު ފެންމަތި ވެފައި މިވަނީ، ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި އެގައުމުން ބަލިޖެހުނު މީހުންގެ އަދަދު 10 ގުނަ އިތުރުވި ކަމުގެ އަޑުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ރޭންކިންގްއަށް ބަލާއިރު ސޫރިޔާ އޮތީ 126 ވަނާގައެވެ. އެ ގައުމުން މިހާތަނަށް 3171 މީހަކު ޕޮޒިޓިވްވެ، 134 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.