ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަކީ ދުނިޔެ އެފުށް މިފުށަށް ޖަހާލި ބަލިމަޑުކަމެއް ކަމާ މެދު ދެބަސް ވާނެ މީހަކު ނުހުންނާނެއެވެ. ސިއްހީ ބަލިމަޑުކަމެއް ކަމަކު، އިގުތިސޯދީ އަދި މާލީ ތުފާނުގެ ވޭންވަރު ގަދަވެފައި ހިއްޗެވެ. މި އޮއެވަރުގައި ޖެހުނު އެކަކީ އެމެރިކާގައި ކައްކާއެއްގެ ވަޒީފާ އަދަކުރަމުން ދިޔަ ބާނީ ކޮރިގަންއެވެ. ބަލިމަޑުކަމުން އުފެދުނު އިގުތިސޯދީ ފުންވަޅުގަނޑަށް ވެއްޓި، އޭނާގެ ވަޒީފާ ގެއްލުނެވެ. ނަމަވެސް، އޭނާގެ ހިތްވަރު، ދެފިޔަގަނޑު ޖަހާ އުދުއްސާލީ މައްޗަށެވެ. ގޭގެ ގަރާޖު ބަދަލުކޮށްލީ، ކާބޯތަކެއްޗަށް ހާއްސަ ކަޑައަކަށެވެ.

ކޮރިގަންގެ ވަޒީފާ ގެއްލުނު ނަމަވެސް، އޭނާގެ އަންހެނުންނަށް އާމްދަނީ ލިބެމުން ދިޔައެވެ. އަތްމަތި ދަތިކަމުގެ ތަކުލީފުތަކާ ކުރިމަތިލާކަށް ނުޖެހުނެވެ. ނަމަވެސް، އޭނާއަށްވުރެ ނިކަމެތި ހާލުގައި ތިބި މީހުންގެ މަތިން ފަހަރެއްގައިވެސް ކޮރިގަން ހަނދާން ނައްތައެއް ނުލައެވެ. އަތުގައި ހުރި ތަނަވަސްކަމަކުން، ގަރާޖު ކަޑަ ތަރައްގީ ކުރަމުން ދިޔައީ، އަތުގައި ހުރި ފައިސާކޮޅުން ބިލް ދައްކާނީތޯ ނުވަތަ ދަރިންނަށް ކާންބޯން ދޭނީ ތޯ ނިންމަން ޖެހިފައި ތިބި މީހުންގެ ހައްގުގައެވެ.

އެމެރިކާގައި ކައްކާއެއްގެ ވަޒީފާ އަދަކުރަމުން ދިޔަ ބާނީ ކޮރިގަން އެންމެ ފުރަތަމަ ހުޅުވި އެހީގެ ކަބަޑު/ފޮޓޯ: ބާނީ ކޮރިގަން

މިމަސައްކަތް އޭނާ އެންމެ ފުރަތަމަ ފެށީ، އޭޕްރިލް މަހުގެ ތެރޭގައެވެ. ގޯތި ތެރޭގައި ކުޑަ ކަބަޑެއް ބަހައްޓައިގެންނެވެ. އޭގައި އޭނާ ބެހެއްޓި ގިނަ ދުވަހަށް ރައްކާ ކުރެވޭ ޒާތުގެ ކާބޯތަކެއްޗެވެ. އެހީއަކަށް އެދި ސަލާން ޖަހަން ލަދުގަންނަ މީހުންނަށް ހާއްސަކޮށްގެންނެވެ. ދަންވަރު ވަގުތުތަކުގައި އެ ކަބަޑު ކައިރީ މިހުން އުޅޭ އަޑު އިވުމުން އޭނާއަށް އުފާވެރިކަން އިހުސާސްވާ ކަމަށް ކޮރިގަން ބުންޏެވެ.

ގާތް ރަހުމަތްތެރިންގެ އެހީއަށްވެސް ކޮރިގަން އެދުނެވެ. އިސާ ހިތަކު ސޯޝަލް މީޑިއާގެ ބާރު ފެނިގެންދިޔައެވެ. ކަބަޑަކަށް ލެވޭ ވަރަށްވުރެ ގިނަ ސާމާނު ލިބި، ގަރާޖު ކަޑަ ހުޅުވަންޖެހުނީއެވެ. ކުރީކޮޅު އެންމެ 8 އާއިލާއަށް ކާބޯތަކެތި ފޯރުކޮށްދެވުނު ނަމަވެސް، މިހާރު ހަފުތާއެއްގެ މައްޗަށް 60 މީހަކަށް ކާބޯތަކެތި ފޯރުކޮށްދެވެއެވެ. މިހާރު އޭނާގެ ގަރާޖުގައި، ހުރިހާ ބާވަތެއްގެ ކާބޯތަކެތި ލިބެން ހުރެއެވެ. ކިރާއި، ބަޓަރާއި ކުކުޅުބިސްވެސް ހުރެއެވެ. ބޭނުން މީހަކު އައިސް، ކާބޯތަކެތި ގެންދަންވީއެވެ.

އެމެރިކާގައި ކައްކާއެއްގެ ވަޒީފާ އަދަކުރަމުން ދިޔަ ބާނީ ކޮރިގަން، އޭނާގެ ގަރާޖު ކަޑައިގަ/ފޮޓޯ: ބާނީ ކޮރިގަން

ކޮރިގަންއަކީ 4 ދަރިންގެ ބައްޕައެކެވެ. ގެއަށް ކަބޯތަކެތި ބޭނުންވާ މިންވަރު އޭނާއަށް ކިތަންމެހާވެސް ރަނގަޅަކަށް އެނގެއެވެ. އެހެންކަމުން، ބޭނުން ވަރަކަށް އެއްޗިހި ގެންދިއުމަށް ކޮރިގަންގެ ގަރާޖު ކަޑަ އޮތީ ހުޅުވާލާފައެވެ. ހެޔޮ އެދޭ ގިނަ ބައެއްގެވެސް އެހީތެރިކަމާއެކުގައެވެ. ކޮރިގަން މިހާރު އަމާޒު ހިފާފައި ހުރީ، ގުދަނެއްގެ ސައިޒު ތަނެއްގައި މި ހިދުމަތް ދިނުމަށެވެ.