ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ކަމަށް މ. ފަލްކަންގެ، މުހައްމަދު ނާސިހު އަދި ނައިބު ރައީސް ކަމަށް ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދު ކަނޑައަޅައިފިއެވެ.

މިއަދު މެންދުރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސީއެސްސީގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސަކަށް ނާސިހު ކަނޑައެޅީ 68 މެންބަރުންގެ ވޯޓާއެކުއެވެ. އަދި ނައިބު ރައީސަކަަށް ރަޝީދު ކަނޑައެޅީ 68 މެންބަރުންގެ ވޯޓާއެކުއެވެ.

ސީއެސްސީއަށް 4 ބޭފުޅަކު އައްޔަން ކުރައްވައިފައި ވަނީ މިމަހު 3 ވަނަ ދުވަހު ރައީސް އިބްރަހިމް މުހައްމަދު ސޯލިހެވެ. ސީއެސްއީއަށް އައްޔަން ކުރައްވާފައިވާ ހަތަރު މެންބަރުންނަކީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފާއި، ހ. ޓޫހާޓްސް، މުހައްމަދު ފަރުސަތާއި، ނައިބު ރައީސް ކަމަށް ކަނޑައެޅި ރަޝީދާއި، ރައީސް ކަމަށް ކަނޑައެޅި ނާސިހެވެ.

ސީއެސްސީއަށް ހަތަރު މެންބަރަކު އައްޔަން ކުރުން / ފޮޓޯ: ރައީސް އޮފީސް

ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، މި ހަތަރު ފަރާތް ވެސް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސް ސޯލިހްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. އެ މެންބަރުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދެވެ. އަދި، ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހް ވަނީ މި ރަސްމިއްޔާތުގައި 4 މެންބަރުންނާ ހަވާލުކުރައްވާފައެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނެވެ. އަދި އެ ކޮމިޝަނުގެ މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ސީއެސްސީގައި މިހާރު އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ސީއެސްސީން ވަކިކުރި މެންބަރުންގެ އިތުރުން ކޮމިޓީގެ މެންބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކުރިއަށް ގެނޮގޮސްފައެވެ. ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން އާމިރާ މަޖިލީހަށް ފޮނުވި ސިޓީއަކާއެކު، އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.