ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް އައްޔަންކުރުމަށް 3 މީހަކަށް ރުހުންދޭން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފައިވާ 3 ފަރާތަކީ އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

އެގޮތުން އެޗްއާރުސީއެމްއަށް އައްޔަންކުރަން ޝަފާއަތު ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވާފައިވާއިރު މުއުމިނާއަށް ލިބިފައިވަނީ 61 ވޯޓުއެވެ. އަދި ޑރ. އަހުމަދު އަދުހަމްއަށް ލިބިފައިވަނީ 59 ވޯޓެވެ.

އެ ތިން މީހުންނަކީ ވެސް މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ފަރާތެއް ކަން ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް އެފަރާތްތައް އައްޔަންކުރުމަށް މަޖިލީހަށް ނަން ހުށަހަޅާފައިވަނީ އެ ކޮމިޝަނުގެ 3 މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނިކޮށް، ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެމްބަރު އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.