މޫސުން ގޯސްވެ، ހއ. އަތޮޅުން ތ އަތޮޅަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެސަރަހައްދަށް މިއަދު ހެނދުނު 9:00 އިން 1:00 އަށް އޮރެންޖު އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ ލ. އަތޮޅުން އައްޑޫ ސިޓީއަށް 8:00 އިން ދަންވަރު 12:00އަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖެގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިނަކީ 6–- 9 ފޫޓު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި މެޓް އޮފީހުން ވަނީ ބައެއް ސަރަހައްދުތަކަށް އޮރެންޖު އެލާޓު ވެސް ނެރެފައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.