ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިންގެ ކާމިޔާބު ކަމާއި، ރައްކާތެރި ކަމާ ބެހޭ ގޮތުން ހަމައެކަނި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، އިތުބާރު ކުރެވެން ނެތް ކަމަށް، އިދިކޮޅު ޑިމޮކްރަޓުންގެ ރަނިންގް މޭޓު، ސެނެޓާ ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބުގެ ކުރިން، އެމެރިކާގެ ސަރުކާރުން ވެކްސިނަކަށް ރުހުން ދީ، އެ ވެކްސިން ފޯރުކޮށްދޭން ފަށައިފިނަމަ، އެފަދަ ވެކްސިނެއް ބޭނުންކުރައްވާނަންތޯ ސީއެންއެންއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމަލާ ހެރިސް ވިދާޅުވީ، މިއީ ހުރިހާ އެންމެނަށްވެސް ކުރިމަތިލާންޖެހިފައިވާ މައްސަލައެއް ކަމަށެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ، ޓްރަމްޕަށް އިތުބާރު ނުކުރައްވާ ކަމަށާ، ވެކްސިންގެ ކާމިޔާބު ކަމާއި، ރައްކާތެރިކަމުގެ ވާހަކަ އަންނަން ޖެހޭނީ އިތުބާރު ހުރި މަސްދަރަކުން ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް އެމެރިކާއިން ތަރައްގީ ކުރަމުންދާ ވެކްސިންއާއި ގުޅިގެން ކަމަލާ ހެރިސް މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައިވާ މި ދަނޑިވަޅަކީ، ރިޔާސީ އިންތިހާބުގެ ކުރިން، ސަރުކާރުގެ ނުފޫޒުން ވެކްސިން ދޭން ފަށާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސައެންސްވެރިންނާ، އާންމު ސިއްހަތާ ބެހޭ އޮފިޝަލުންނާ، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން 6.43 މިލިއަން މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. 2531334 އެކްޓިވް ކޭސް އުޅޭކަމަށް ރެކޯޑް ކޮށްފައިވާއިރު، އެމެރިކާއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން، 192818 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ކުރިއަށްދަނީ އެމެރިކާގައެވެ. އެމެރިކާއިން އަމާޒު ހިފާފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީއަށް ފުރަތަމަ ބެޗް ތައާރަފު ކުރުމަށެވެ. ނަމަވެސް، އޭގެ ކުރިން ވެކްސިން ނެރެވޭނެ ކަމަށް ޓްރަމްޕް ގެންދަވަނީ ފާޅުގައި ވަކާލާތު ކުރައްވަމުންނެވެ.