މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާ ބޭރުން ރޯވެ، ހާލުގައި ޖެހިފައިވާ ޕެނަމާގެ ތެޔޮ ބޯޓު، ސްރީލަންކާގެ އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދުނ 40 ނޯޓިކަލްމޭލު ބޭރަށް ޖައްސާފައިވާކަމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނީ، 40 ނޯޓިކަލްމޭލު ބޭރަށް ނިއު ޑައިމަންޑް ތެޔޮ ބޯޓު ދުރަށް ޖެއްސީ، ހާދިސާއަށް ފަހު ހުކުރު ދުވަހު، 20 ނޯޓިކަލްމޭލު އެތެރެއަށް ބޯޓު ޖެހުމާ ގުޅިގެން ކަމަށެވެ.

ބައިނަލްއަގުވާމީ އަސްކަރީ ފައުޖަކުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް، ވައި ހުންނަ ގޮތުން އިރު އިރުކޮޅުން އަލިފާންގަނޑުތައް ފެތުރޭތީ، އަލިފާން ނިއްވާލުމުގެ މަސައްކަތް މެދު ނުކުނޑި ކުރިއަށް ދާކަމަށް ލަންކާގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ކުވައިތުން ފުރައިގެން އިންޑިއާއަށް ދަތުރު ކުރަމުންދަނިކޮށް ހާލުގައި ޖެހިފައިވާ މި ބޯޓުގައި އިރުއިރުކޮޅުން ރޯވަމުންދާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަނީ އިންޑިއާގެ ކޯސްޓްގާޑުގެ ބޯޓުތަކުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، މި އޮޕަރޭޝަންގައި ހެލިކޮޕްޓަރުވެސް ބޭނުން ކުރަމުންދެއެވެ.

270000 ޓަނުގެ ސާފު ނުކުރާ ތެލާ، 1700 ޓަނުގެ ޑީސަލް ބަރުކޮށްގެން އިންޑިއާގެ ޕްރަދީޕް ޕޯޓަށް ދަތުރު ކުރަމުންދަނިކޮށް ނިއު ޑައިމަންޑްގެ އިންޖިން ރޫމްގެ ބޮއިލަރެއް ގޮވައިގެން ހިނގި މި ހާދިސާގައި 1 ފަޅުވެރިއެއް ފިޔަވާ އިތުރު އެހެން ހުރިހާ އެންމެން ސަލާމަތްކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ އަދަދަކަށް ތެޔޮ ބަރުކޮށްފައިވާ މި ބޯޓަށް ކުރިމަތިވި ހާދިސާއާއި ގުޅިގެން ނުރައްކާތެރި ކާރިސާއެއް ހިނގާފާނެ ކަމަށް ބަލާ، ބޯޓުގެ ވެރި ފަރާތުން ވަނީ، މަސްރަހު ދިރާސާ ކުރުމަށް ބައިނަލްއަގުވާމީ ކުންފުންޏެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައެވެ.