އިތުރު ތައާރަފަކަށް ބޭނުން ނުވާ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް އަމާޒުވި އުދުވާނީ ހަމަލާއިން މި ގައުމު ދިފާއު ކުރުމަށް އަވަށްޓެރި އިންޑިއާއިން ހިންގި ހާއްސަ އޮޕަރޭޝަންއަށް ހާއްސަކޮށްގެން ނެޓްފްލިކްސްއިން ލޯންޗްކުރާ ފިލްމުގެ ލީޑުން ފެނިގެންދާނީ، ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ކުޅަދާނަ ބަތޮލް، ޝާހިދު ކަޕޫރު ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފިއެވެ.

"އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އިންޑިއާއިން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަންގެ މައްޗަށް ބިނާކޮށްގެން އުފައްދާ މި ފިލްމަށް އަދި ވަކި ނަމެއް ދީފައި ނުވި ނަމަވެސް، އޮޕަރޭޝަންގެ އެންމެ އިސް އެއް ކޮމާންޑަރުގެ ގޮތުގައި ހުންނެވި ބްރިގޭޑިއާ ފާރޫގު ބަލްސަރާގެ ރޯލު އަދާކުރާނީ ޝާހިދު ކަމަށް ޕީޕިންގްމޫންޑޮޓްކޮމްއާއި ހަވާލާދީ، މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.

ފިލްމް ސްޓްރީމިންގް ޕްލެޓްފޯމް "ނެޓްފްލިކްސް"އާއިއެކު ވަރުގަދަ އެއްބަސްވުންތަކެއްގައި ޝާހިދު ކަޕޫރު ސޮއިކޮށްފައިވާއިރު، މި ފިލްމަކީ، މި ފެންވަރުގައި އޭނާ ކުރާ ފުރަތަމަ މަސައްކަތް ކަމަށް މައުލޫމާތު ލިބެއެވެ. "އޮޕަރޭޝަން ކެކްޓަސް"އަށް ހާއްސަ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ޝާހިދު ކަޕޫރު މިހާރު ހަރަކާތްތެރިވަމުންދާ ފިލްމު "ޖާޒީ"ގެ މަސައްކަތްތައް ނިންމާލުމަށްފަހުގައެވެ.

ނެޓްފްލިކްސްގެ މި ހާއްސަ އުފެއްދުމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އަދީއްތިޔާ ނިމްބަލްކާރު ކަމަށް ޚަބަރު ލިބެއެވެ.

މި ފިލްމާ ބެހޭ މައުލޫމާތުތައް، ނެޓްފްލިކްސްއިން "ރަސްމީކޮށް" ހާމަ ކުރާނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.ދިވެހިރާއްޖޭގެ ދިފާއަށް އިންޑިއާއިން ފާޅުގައި ތެދުވެ، ހިންގި އެންމެ ވަރުގަދަ އޮޕަރޭޝަންގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސްއިން ފިލްމެއް މި ލޯންޗްކުރަނީ، "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ތާރީހީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ އަމާޒު، ދެ ގައުމުގެ ސަރުކާރުންވެސް ހިފާފައިވާ ދަނޑިވަޅެއްގައެވެ.