ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ރަށް ބޭރުން އޮންނަ ނާރަޔަންގަންޖު ޑިސްޓްރިކްޓްގެ މިސްކިތެއްގެ ކައިރީގައި ގޭސް ހޮޅިއެއް ގޮވައިގެން ހިނގި ހާދިސާގައި، މިސްކިތުގައި ނަމާދަށް ތިބި 13 މީހަކު މަރުވެ، އިތުރު 30 މީހަކު ޒަހަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން މިއަދު އާންމު ކުރި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

ހާދިސާ ހިނގުމާއެކު، ޑަކާގައި ދައުލަތުން ހިންގާ ބާން އެންޑް ޕްލާސްޓިކް ސާޖަރީ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ބަޔަކު ގެނެވުނު ކަމަށާ، އޭގެ ތެރެއިން ގިނަ ޕޭޝަންޓުން ވަރަށް ބޮޑަށް ފިހިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މަރުވި 13 މީހުންނަކީވެސް ފިހިގެން ލިބުނު ޒަހަމްތަކުން މަރުވި މީހުން ކަމަށާ، އޭގެ ތެރޭގައި އުމުރުން އެންމެ 7 އަހަރުގެ ކުޑަ ކުއްޖެއްވެސް ހިމެނޭ ކަމަށް ބާންސް ޔުނިޓްގެ ކޯޑިނޭޓަރު ސަމާންތާ ލާލް ސެން ވަނީ ވިދާޅިވެފައެވެ.

ސެން ވިދާޅުވީ، މި ހާދިސާގައި އަނިޔާ ލިބުނު ބައެއް މީހުން ކުރިޓިކަލް ހާލެއްގައި އޮތްއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެން ވާ ކަމަށެވެ.

ފަޔާ ސާވިސްގެ އޮފިޝަލުން ލަފާ ކުރާ ގޮތުގައި ހާދިސާ ހިނގާފައިވަނީ ގޭސް ހޮޅިން ލީކެއް ވެގެންނެވެ. އަދި މިސްކިތް ތެރޭގައި ގޭސް ޖަމާވެ، ގޮވުން ގޮވީ ކަމަށްވެސް އޮފިޝަލުން ލަފާ ކުރެއެވެ.

ފަޔާ ސާވިސްގެ އިސް އޮފިޝަލެއް ކަމަށްވާ ޢަބްދުﷲ އަރީފިން ވިދާޅުވީ، ގޭސް ލީކުވެ، ބަންދުކޮށްފައި ހުރި މިސްކިތު ތެރޭގައި ގޭސް ޖަމާވެފައި ވަނިކޮށް، މިސްކިތުގެ އެތެރޭގެ އޭސީތައް ޖެއްސުމުން އަލިފާން ކަންޏެއް ކަނޑައިގެން ގޮސް، ގޮވުމެއް ގޮވީ ކަމަށް، ބެލެވޭ ކަމަށެވެ. މިސްކިތުގައި ހުރި 6 އޭސީވެސް މި ހާދިސާގައި ގޮވި ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ހާދިސާގެ ތަހުގީގު ފަށާފައެވެ.

ބަންގްލަދޭޝްއަކީ އުމްރާނީ ބިނާވެށީގެ މަސައްކަތަށް ބަލާއިރު، ދަށް ފެންވަރުގެ އިމަރާތްތަކާ، ރައްކާތެރިކަމުގެ ގޮތުން އެކަށިގެންވާ މިންގަނޑުތަކަށް ނުފެތޭ ތަންތަން ގިނަ ގައުމެކެވެ. 168 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ހިނގާ އަލިފާނުގެ އެކި ހާދިސާތަކުގައި ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ބަޔަކު މަރުވެއެވެ.