މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްކާއި އިނާޔަތްތަކުގެ ގަވާއިދު ތަސްދީގުކޮށްފިއެވެ.

ކަރެކްޝަނުން ބުނީ ގާއިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު ސެޕްޓެމްބަރު 3، 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓާއި ކަރެކްޝަންސްގެ ވެބްސައިޓްގައި ޝާއިއުކޮށް، އެ ގަވާއިދަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.

އެ ގަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ދޭންޖެހޭ އެންމެހާ އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ ހިދުމަތްތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުން ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

ކަރެކްޝަނުނ ބުނީ އެ ގަވާއިދު ފާސްކުރުމާ ގުޅިގެން، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު އަދި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު ބާތިލުވެގެންދާނެ ކަމަށެވެ.

ފާސްކުރެވުނު އާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ޤުރްއާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާގާނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން ބޭސް ފަރުވާ ކުރުމުގެ އިންތިޒާމާއި ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުންމާއި ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމާއި މުޖްތަމައުއަށް އަނބުރާ ގެނައުމަށްޓަކާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

ކަރެކްޝަނުން ބުނީ އާއިލާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ފޯން ކޯލް ދިނުމާއި އާއިލީ ބައްދަލުވުން މަދުވެގެން މަހަކު 1 ފަހަރު 2 ގަޑިއިރަށް ދިނުމާއި، އެކަހެރި ބައްދަލުވުން މަހަކު 1 ފަހަރު، ކޮންމެ ފަހަރަކު 24 ގަޑިއިރަށް ދިނުން ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން އާއިލީ ބައްދަލުވުން ވީޑިއޯ ކޯލް މެދުވެރިކޮށްވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ފޯރުކޮށްދިނުމާއި މަސައްކަތްކުރާ ގައިދީންގެ އުޖޫރައަށް ބަދަލުގެނެއުމާއި ޖަލުގައި ބަންދުކުރެވޭ ފަރާތްތައް ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަން ނިދުމަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލިކުރުމާއި ވައި ދައުރުވާގޮތަށް ވެންޓިލޭޝަން ބެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން ގައިދީއެއް ނުވަތަ ބަންދުކުރުވޭ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފަރާތުގެ ގައުމުގެ އެމްބަސީ އަދި އާއިލާއަށް ގުޅުމަށް ފޯން ކޯލް ދިނުންވެސް ހިމެނެއެވެ.

ގައިދީންނާއި ބަންދުމީހުންގެ އިތުރުން ޕްރިޒަން އޮފިސަރުން އެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގްބަލެއްގައި ރާވާ ހިންގުމަށް ޖަލުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.