ކުރިއަށް އޮތް 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދެވުމުގެ ކުރިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އާންމުކޮށް ވެކްސިން ދޭން ފެށިދާނެ ކަމަށް ނުބެލެވޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވެއްޖެއެވެ.

ހެރިސް މިކަން ހާމަ ކުރެއްވީ، ޑަބްލިއުއެޗްއޯގެ މަރުކަޒީ އިދާރާ ގާއިމުކޮށްފައިވާ ސުވިޓްޒަލަންޑްގެ ޖެނީވާގައި ހުންނަވާ، ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުންނެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން، އިންސާނުންގެ ހަށިގަނޑުގައި މިހާރު ޓެސްޓު ކުރަމުންދަނީ 34 ވެކްސިނެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ޕްރީ-ކްލިނިކަލް ޓްރަޔަލް މަރުހަލާގައި 142 ވެކްސިނެއް އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދެވުމުގެ ކުރިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އާންމުކޮށް ވެކްސިން ދޭން ފެށިދާނެ ކަމަށް ނުބެލެވޭ ކަމަށް ޑަބްލިއުއެޗްއޯއިން އިޝާރާތް ކޮށްފައިވާ މި ދަނޑިވަޅަކީ، ކޮވިޑް-19 އިން ދިފާއުވުމަށް އާންމު އުސޫލުން ބޭނުން ކުރެވިދާނެ ފުރަތަމަ ވެކްސިން ކަމަށް ބުނެ، ރަޝިއާއިން ޕްރޮމޯޓް ކޮށްފައިވާ "ސްޕަޓްނިކް-5" ވެކްސިންއާ ގުޅެ ދިރާސާ، ދަ ލޭންސެޓް ޖާނަލްގައި އާންމުކޮށްފައިވާ ދަނޑިވަޅެކެވެ.

ކަން މިހެން އޮތް ނަމަވެސް، ރަޝިއާގެ ވެކްސިނަށް ހެރިސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، ވެކްސިނެއްގެ ރައްކާތެރިކަމާ ބިނާކުރަނިވި މިންވަރު ކަށަވަރު ކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ވެކްސިނަކީ ފުރިހަމަ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭ އެއްޗެއްކަން ކަނޑައެޅުމަށް ހިންގާ 3 ވަނަ މަރުހަލާއަކީ ދިގު ދެމިގެންދާޏެ މަރުހަލާއެއް ކަން ދޭހަވާފަދަ މޭރުމަކުން ހެރިސް ވަނީ ވާހަކަދައްކަވާފައެވެ.

ރަޝިއާގެ "ސްޕަޓްނިކް-5" ވެކްސިންގެ ދިރާސާގައި ބައިވެރި ނުވާ މިނިވަން ސައެންސްވެރިން ވަނީ، ދިރާސާގެ ހޯދުންތަކުން އެދެވޭ މެސެޖެއް ލިބޭކަން ހާމަކޮށްފައެވެ. ނަމަވެސް ފުރިހަމަ ޔަގީންކަމެއް ލިބޭނީ 3 ވަނަ މަރުހަލާއަށް ފަހުގައި ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.