ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ އަށް ފޮނުވައިފިއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ، ދުބާއީ ކުންފުނިން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު ފޮނުވާފައިވާ ކަމަށާއި އެ ތަކެތި މިހާރު ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަން ޔަގީންވެފައި ކަމަށެވެ. އަދި އެ ތަކެތި ކަސްޓަމްސުން ކްލިއާ ކުރުމުން ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި އެއް ކުންފުންޏަކީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ހެލްތް މިނިސްތްރޫގެ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.
އެކަން ތަހުގީގު ކުރަމުންދާއިރު، ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގަވައިދުގެ ތެރެއިން ވީ އެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ.
ވެންޓިލޭޓަރުތަކުގެ އަގުން 90 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.