ދިވެހި ރާއްޖޭގެ ކޯޓުތަކުގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި އެކަމާއި ގުޅޭ ގަވާއިދެއް އާންމުކޮށްފިއެވެ.
ބާ ކައުންސިލުން މިއަދު އާންމު ކުރި ގަވާއިދުގައި ބުނެފައިވަނީ، ބިދޭސީ ގާނޫނީ ވަކީލުން ވަކާލާތުކުރަން އެދޭ މައްސަލައިގެ ތަފުސީލުގެ އިތުރުން އެ ވަކީލެއްގެ މައުލޫމާތު އެ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި ބިދޭސީ ގާނޫނީ ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަންޖެހޭކަމަށެވެ. އަދި އެ ކައުންސިލަށް ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެ ކަމަށް ވެސް ބުނެފަ ވެއެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން، ބިދޭސީ ވަކީލަކަށް ވަކާލާތު ކުރަން ހުއްދަ ދެވޭނީ ޝަރުތެއްގެ ގޮތުގައި އެ ވަކީލަކީ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ އިއުތިރާޖެއް ނެތުމުން ކަމަށާއި އޭނާ ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުރާނެ މީހަކު ވެސް ހުރުމުން ކަމަށެވެ.
އަދި އެ ވަކީލަކީ ވަކާލާތު ކުރުމުގެ ސައްހަ ހުއްދައެއް ލިބިފައިވާ ވަކީލެއްކަން ކަށަވަރު ކުރުމާއި، ހައި ކޯޓުގައި ނަމަ ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއިރު ސުޕްރީމް ކޯޓުގައި ހިނގާ މައްސަަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި، ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އަދި އެ މީހަކީ ކުށުގެ ރެކޯޑެއް ނެތް ވަކީލެއްކަން ކަށަވަރުކުރުން ޖެހޭއިރު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރާ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ވެސް އޮންނަން ޖެހެއެވެ.
ބިދޭސީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ޝަރުއީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ފީ އެއް ނަގައެވެ. އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000 ރުފިޔާ ނަގާއިރު ހައި ކޯޓުގައި ވަކާލާތު ކުރުމަށް 5000 ރުފިޔާ ނަގައެވެ. އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަން ބޭނުން ނަމަ 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ލޯ ފާމެއް، ލީގަލް ޕްރެކްޓިސެއް، ބަންޑާރަނައިބުގެ އޮފީސް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން، ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލަކު ވަކާލާތުކުރުމަށް އެދި ހުށަހަޅައިފިނަމަ، ބާ ކައުންސިލުން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން، އެ މައްސަލައެއްގައި ވަކާލާތުކުރުމުގެ ހުއްދަ އެ މީހަކަށް ދެވިދާނެ ކަމަށް އަލަށް ފާސްކުރި ގާނޫނީ ބުނެފަ ވެއެވެ.