ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، މޯލްޑިވްސް ޕޮލިސް ސާވިސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ދެ މަޝްރޫއެއް އިފްތިތާހު ކޮށްދެއްވައިފިއެވެ

މިއަދު އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މެޑަމް ފަޒްނާ އިފިތިތާހު ކޮށްދެއްވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން" އަދި "ޕްރޮޖެކްޓް ގާޑިއަން" ގެ ނަމުން ކުރިއަށް ގެންދާ ދެ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގައި ފެށުމެއް ކަމަށެވެ. އަދި، ކުރިއަށް ހުރި މަސައްކަތްތައް ގިނަކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ ކަން ހާސިލު ކުރެވޭނީ އަންހެން އަދި ފިރިހެން އޮފިސަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި އެކުގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ މުހިންމު ތިން ކަމަކަށް އަލިއަޅުއްވާލައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުން، ފުލުހުންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެއްކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އަންހެނުން މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށް އަންހެނުން މުޖުތަމައާއި އާއިލާގައި އަދާކުރާ ދައުރު ބަލައިގަނެ، މަސައްކަތުގެ މާހައުލުންނާއި ސިޔާސަތުތަކުން އެ ކަންކަމަށް ޖާގަ ދޭންވާނެ ކަމެއް ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އަންހެން މުވައްޒަފުންގެ ފުރިހަމަ ގާބިލުކަން ދެއްކުމަށްޓަކައި މަސައްކަތުގެ މާހައުލަކީ އަންހެން މުވައްޒަފުންނަށް ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ތިންވަނަ ކަމެއްގެ ގޮތުން އެ ކަމަނާ އަލިއަޅުއްވައިލެއްވީ، ފުލުހުންގެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުން އަންހެން އޮފިސަރުން ކުރިއެރުމަށް ހިތްވަރު ދިނުމާއި، ތަމްރީނުގެ ހާއްސަ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މީގެ އިތުރުން، އަންހެންނުންނާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް އަވަހަށް ބެލި، އިންސާފު ކަށަވަރުވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ފަޒްނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އަދި، ފުލުހުންގެ މުއައްސަސާގެ ކުރީ ސަފުން އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމުން އެ މީހުންގެ ގާބިލުކަން ފެނިގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ދާއިރާއަށް އަންހެން ކުދިންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތުގައި މިހާރު މަސައްކަތް ކުރައްވާ ހިތްވަރުގަދަ އަންހެން އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ހޯއްދަވަމުން ގެންދަވާ ކާމިޔާބީގެ ވާހަކަތައް ހިއްސާ ކުރުމަކީ، މި ދާއިރާއާއި ގުޅުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ފަޒްނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.