މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ނުވަންނަ ގައުމެއް މި ދުނިޔެ މަތީގައި ނެތޭވެސް ދެންނެވިދާނެއެވެ. ކުރިއަރާފައިވާ މާސިންގާ ބާރުތަކުން ފެށިގެން ގޮސް، ހަނގުރާމައިގެ އޮއެވަރުގައި ސުންނާފަތި ވެފައިވާ ގައުމުތައްވެސް އިސްތިސްނާއެއް ނެތެވެ. އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ސޫރިޔާގެ މަސްރަހުވެސް އޮތީ މިފަދަ ގޮތަކަށެވެ. ހިތަށް ތަސްވީރު ކޮށްލަންވެސް ދަތި ހާލެއްގައެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، ދެވެން އޮތް ފަރުވާއެއްވެސް ދެވެން އޮތީ ފުރަތަމަ ގެނެވުނު ޕޭޝަންޓް މަރުވުމުންނޭ ބުނާ ހަލާތަށް އެ ގައުމު ވަނީ ގޮސްފައެވެ.
މިދައްކަނީ ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ވާހަކައެވެ. މިފަހަކަށް އައިސް އެ ގައުމުގައި ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުގެ އަސަރު، ސީދާ ގޮތުން ކުރަމުންދަނީ ބަލީގެ ޕޭޝަންޓުންނަށެވެ.
ސޫރިޔާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރަސްމީ ރެކޯޑްތަކަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހިގެން މާޗް މަހުން ފެށިގެން މިހާތަނަށް މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ 112 ކޭހެކެވެ. ޖުމުލަ ޕޮޒިޓިވް ކޭހުގެ އަދަދަކީ 2765އެވެ. ނަމަވެސް ފާއިތުވީ 3 ހަފުތާއެއްހާ ދުވަހަށް ބަލާއިރު، މިއަދަދު ވަނީ 2 ގުނަ އިތުރު އިތުރު ވެފައެވެ. ސިއްހީ ހިދުމަތްތެރިން ބުނާ ގޮތުގައި، ހަގީގީ އަދަދަތަކީ ސަރުކާރުން ހާމަކުރާ އަދަދުގެ ރަމްޒެއްވެސް ނޫނެވެ.
ސޫރިޔާއިން ބައިނަލްއަގުވާމީ މީޑިއާއާއި ވާހަކަދެއްކެވި 3 ޑޮކްޓަރަކު ވިދާޅުވި ގޮތުގައި އެގައުމުގައި ކޭސްތައް އިތުރުވާން ފެށީ ޖުލައި މަހުގެ ފަހުކޮޅުގައެވެ. އޭޕްރިލް މަހު 4-5 ކޭހެއް ފެންނަމުންދިޔަ ހޮސްޕިޓަލަކުން، ދުވާލެއްގެ މައްޗަށް 90-100 ޕޭޝަންޓުން ފެންނަން ފެށިއެވެ.
މިއާއެކު ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް ބޮޑުވިއެވެ. ޕޭޝަންޓުންގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނަށް އުފުލަންޖެހޭ ބުރަ އިތުރުވެއްޖެއެވެ. ވެންޓިލޭޓަރުން ފަރުވާ ދެވޭ އެނދުތައް އެމީހެއްގެ ޕޭޝަންޓަށް ހޯދާ ދިނުމަށް ޑޮކްޓަރުން އުފުލަމުންދާ ބުރަ އަކީ، އެނޫން ތަނެއްގައި ހުރި މީހަކަށް ވަޒަން ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. މި ހުރިހާ ހަނގުރާމައެއް ޑޮކްޓަރުން ކުރަމުންދަނީ، އަމިއްލަ ހަށި ރައްކަލަށް ބޭނުން ކުރާނެ ޕީޕީއީވެސް ފުރިހަމައަށް ނުލިބޭ ހާލުގައި ކަން ފާހަގަކުރަންޖެހެއެވެ.
"ޕޭޝަންޓުން އެބަތިބި މަޑުކޮށްގެން، ދެންތިބި ޕޭޝަންޓުން މަރުވާނެ ވަގުތެއްގެ އިންތިޒާރުގަ... ވެންޓިލޭޓަރުގެ އިންތިޒާރުގަ. ގުޅުން އޮންނަ މީހުން ދަނީ އެ ބާރު ބޭނުންކޮށްގެން ވެންޓިލޭޓަރުގެ ވެއިޓިންގް ލިސްޓަށް އަރަން މަސައްކަތް ކުރަމުން" ޙަލަބުން ވާހަކަދެއްކެވި ޑޮކްޓަރަކު ވިދާޅުވިއެވެ.
ބައެއް ޑޮކްޓަރުންނަށް އެންމެ 6، އެން95 މާސްކު ދީފައިވާއިރު، އަނެއް ބައި ޑޮކްޓަރުންނާ ނަރުހުން މަސައްކަތް ކުރަނީ މިފަދަ އެއްވެސް އާލާތަކާ ނުލައެވެ. ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސިއްހީ ނިޒާމެއް އޮތްއިރު، އެކަށީގެންވާ ރައްކާތެރިކަން ނެތުމުގެ ސަބަބުން ވައިރަހުގެ ޝިކާރައަކަށްވެ، މި ދުނިޔެއާއި ވަކިވާ ޑޮކްޓަރުންނާ ސިއްހީ ހިދުމަތްތެރިންގެ އަދަދުވެސް އިތުރުވަނީއެވެ.
ސޫރިޔާގައި ކޮވިޑް-19 ޖެހިގެން މަރުވި ސިއްހީ ހިދުމަތްތެރިންގެ ރަސްމީ ތަފާސް ހިސާބުތަކެއް ނުލިބެއެވެ. ނަމަވެސް ދައުރުވަމުންދާ ބައެއް މައުލޫމާތަށް ބަލާއިރު މިއަދަދު 61 އަށް އަރައެވެ.
ދެން އޮތީ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކައެވެ. އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމަށް އަލިމަގެއް ނުހޯދި އުޅެނިކޮށް ކޮވިޑް-19ގެ ބަނަ ވިލާގަނޑު ސޫރިޔާއާއި އަރާ ހަމަކޮށް، ތޫފާނީ ދުވަސްތަކަށް ފެށިފައިވާއިރު، ސިއްހީ ހިދުމަތްތެރިން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. ކޮށްދެވޭނެ ކަމެއްވެސް ނެތިފައެވެ. ބައެއް ހިދުމަތްތެރިންނަށް ވަނީ، އާއިލާގެ މެމްބަރުން ލޮލު ކުރިމަތީގައި މަރުވެދާ މަންޒަރު ބަލަން އިންނަންވެސް ޖެހިފައެވެ. އަމިއްލަ ބައްޕަމެންގެ ފުރާނަ ސަލާމަތް ނުކުރެވުނު ހިތި ތަޖުރިބާ ކުރި ޑޮކްޓަރުން އެބަތިއްބެވެ.
އަލް-އަސަދުގެ ސަޕޯޓަރުން ބުނާ ގޮތުގައި ސޫރިޔާއިން ކޮވިޑް-19ގެ ކޭސް ނަމްބަރު ދަށް ކަމަށް ދައްކަނީ އެއްވެސް ހާލެއްގައި މައުލޫމާތު ފޯރުވާތީއެއް ނޫނެވެ. އެއީ، ޓެސްޓު ކުރުން މަޑުޖެހިފައި އޮތުމުން ވެގެން އުޅޭ ގޮތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ ސޫރިޔާގެ މަސްރަހީ ކޮވިޑް-19އަށް ނުރައްކާ މަސްރަހެއް ކަމުގެ އިންޒާރު ދީފައެވެ. ސޫރިޔާގައި ޓެސްޓިންގް ކެޕޭސިޓީ ދަށެވެ. މިއަދު އެގައުމުގައި ދުވާލެއްގެ މައްޗަށް ހެދެނީ 500 ޓެސްޓެވެ.
ސިއްހީ ކާރިސާއާއި ނަފްސާނީ ބަލިމަޑުކަމާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ހަނގުރާމައާއިއެކު އިގުތިސޯދުވެސް އޮތީ ހަފުސްވެފައެވެ. ފައިސާގެ އަގެއް ނެތެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއެވެ. އަސާސީ މުދާ ގަނެވޭނެ ތަނަވަސްކަންވެސް އާބާދީގެ ގިނަ މީހުންގެ ކިބާގައި މިއަދު ނެތެވެ.
ކަން މިހެން އޮތް ނަމަވެސް، ބިނާ ކުރަނިވި ފިޔަވަޅުތަކެއް އަޅައިފިނަމަ ސޫރިޔާއަށްވެސް ކޮވިޑް-19ގެ ކާވް ފްލެޓް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އދއިން ވަނީ ބުނެފައެވެ.