ކޮވިޑް-19ގެ ހާލަތް ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވެސް ދިވެހި ބޭންކް އޮންނާނީ ދިވެހިންނާއެކު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ސޯޔާ މިހެން ވިދާޅުވީ، ބީއެމްއެލްގެ އަހަރީ ޖަލްސާގައި ކޮވިޑް-19 ގެ ސަބަބުން ކޮށްފައިވާ އަސަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރު ހަރުދަނާ ނަތީޖާއެއް ހޯދުނުކަމުގައި ވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބޭންކަށް މިއަދު މިވަނީ ވަރަށް ނޭދެވޭ އަސަރުކޮށްފައި ކަމަށެވެ. ނަމަވެސް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވެސް ދިވެހި ބޭންކް އޮންނާނީ ދިވެހިންނާއެކު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ސޯޔާ ވިދާޅުވީ، ކުރިން އަންދާޒާ ނުކުރެވޭ ފަދަ ބޮޑު ލޮޅުމެއް ވިޔަފާރިތަކަށް ލިބިގެންދިޔުމާއެކު ބޭންކުގެ އާމްދަނީއަށް ވަރަށް ބޮޑު އަސަރެއްކޮށްފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ހޯދި ކާމިޔާބީ ދެމެހެއްޓެމުން ނުދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ހޯދާފައިވާ ފައިދާ އާއި ބޭންކުގެ ރައުސުލްމާލު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓިފައިވާތީ ކޮވިޑްގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވިފައިވާ ކަމަށެވެ.

ފާއިތުވި މަސްތަކުގައި މި ބަލިމަޑުކަމާ ގުޅިގެން ކްރެޑިޓް ރިސްކް މެނޭޖްކުރުމަށާއި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން 'ވޯކިން ކެޕިޓަލް ފައިނޭންސް'ގެ ދަށުން ވިޔަފާރިތަކަށް މިހާރު ރަހުނަކާ ނުލައި 3 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދެވޭ ގޮތް ހަމަޖެހިފައިވާއިރު، ބައިނަލްއަގްވާމީ މާލީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޔާ ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ޔޫއެސް ޑޮލަރު ފެސިލިޓީއެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދާދި ފަހުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބޭންކަށް 50 މިލިއަން ޑޮލަރާހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ދެ ފެސިލިޓީއިން މިފަދަ ދަނޑިވަޅެއްގައި ރިސޯޓްތަކާއި ކުދި ވިޔަފާރިތަކުގެ ހިންގުމަށް ބޭނުންވާ ޔޫއެސް ޑޮަލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ ލިކިއުޑިޓީ ހިފެހެއްޓުމުގެ ގޮތުން ބޭންކަށްވެސް އުނދަގޫ ނިންމުތަކެއް ނިންމާނެ ކަމަށް ސޯޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ވަގުތަކަށް ލިބެންހުރި ޑޮލަރުގެ މިންވަރަކަށް ބަލައި ރާއްޖެއަށް އަސާސީ މުދާ ގެނައުމަށާއި މުހިންމު ޓީޓީތައް ހެދުމަށް އިސްކަންދޭނެ ކަމަށެވެ.

މީގެ 6 މަސް ކުރިން ލޯނު ފަސްކުރުމުގެ ފުރުސަތު ހުޅުވާލި އިރު ހާލަތައް ރިއާއަތްކޮށް އިތުރު ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލު ގެންނާނެ ވާހަކަ އަލުގަނޑުމެންވާނީ ހާމަކޮށްފަ. މިހާރު އޮތް ދަތި އުނދަގޫ ހާލަތައް ބަލައި ބޭންކުން މިވަނީ ކުރިއަށް އޮތް 3 މަހަށް ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމަށް ނިންމައި އެކަން ހާމަކޮށްފަ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ

މީގެ އިތުރުން އޭނާ ވިދާޅުވީ މި ބަލިމަޑުކަން ކައިރި މުސްތަގްބަލެއްގައި ނިމިދާނެކަމަށް ނުބެލެވޭހިނދު ބޭންކުން ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި މެދުނުކެނޑި ހިދުމަތްދެވޭނެ އެންމެހައި ގޮތްތައް ބަލަމުން ކަމަށެވެ. އަދި ޑޮލަރު ނުލިބުމުގެ ދަތިކަން އިތުރަށް ބޮޑުވެ ޕްރޮވިޝަނިން އިތުރުވަމުން ދާނެ ކަމަށާއި، ކޮންމެފަދަ ހާލެއްގައިވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ޖުލައި 31ގެ ނިޔަލަށް 17،700 އަށް ވުރެ ގިނަ ކަސްޓަމަރުންވަނީ ލޯން އަނބުރާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. އަދި، ކޮވިޑް ރިކަވަރީ ސްކީމްގެ ދަށުން މިހާތަނަށް 500 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.