ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން 105 ގައުމެއްގައި ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާއަށް ބަލާއިރު، 90 ޕަސެންޓް ގައުމުގެ ސިއްހީ ނިޒާމަށް ބުރޫއަރާފައި ވާ ކަމަށް ދިރާސާ ރިޕޯޓުން ހާމަވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ނިޒާމަށް އެންމެ ބޮޑު ބުރުލެއް އަރާފައިވަނީ، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކަމަށް ޑަބްލިއުއެޗްއޯގެ ހޯދުންތަކުން ދައްކައެވެ.

މި އަހަރުގެ މާޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހޭދަވީ މުއްދަތުގައި ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމަށް ބުރޫއެރި ގޮތަށް ބަލާއިރު، އެންމެ ގިނަ ގައުމުތަކުން ފާހަގަކުރި އެއް ކަމަކީ އަމިއްލަ އިހުތިޔާރުގައި ހަދާ ސާޖަރީތަކާ، އާންމު ރޫޓިންގައި ހަދާ ސާޖަރީތައް މަޑުޖައްސާލިކަމެވެ. ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ބަލާއިރު، ކެންސަރަށް ސްކްރީންކޮށް ފަރުވާ ދިނުމާ، އެޗްއައިވީ ތެރަޕީ ފަދަ މުހިންމު ހިދުމަތްތައްވެސް ހުއްޓުމަކަށް އައިކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ ބްރޫކްލިން ހޮސްޕިޓަލުގެ އެމާޖެންސީ ގޭޓް ކައިރިއަށް ޕޭޝަންޓެއް ބާލަނީ/ފޮޓޯ: މައިކް ލޯވްރީ

ގައުމުތަކުގެ ސިއްހީ ނިޒާމުގެ ހުރިހާ ވަސީލަތެއްހެން ކޮވިޑް-19އަށް ހުސްކޮށްލުމާ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އެންމެ ބޮޑަށް ލޮޅުން އެރި އެއް ދާއިރާއަކީވެސް ސިއްހީ ނިޒާމުކަން ފާހަގަކުރަންޖެހެއެވެ. މީގެ ތެރެއިންވެސް، ރޫޓިންކޮށް ދެމުންދިޔަ ވެކްސިންގެ މަޝްރޫއާ، ގައިންގައަށް ނާރާ ބަލިތައް ދެނެގަތުމުގެ މަޝްރޫއާ، އާއިލާ ރޭވުމާ ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ނަފްސާނީ ބައްޔާ ގުޅުން ހުރި ފަރުވާގެ ނިޒާމަށްވެސް ބުރޫ އަރާ، ހުއްޓުން އެރިކަން ޑަބްލިއުއެޗްއޯގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

4 ބައިކުޅަ 1 ބައި ގައުމަށް ބަލާއިރު، ކުއްލި ހާލަތުގައި ފުރާނަ ސަލަމާތް ކުރުމަށް ދޭންޖެހޭ ސިއްހީ ފަރުވާގެ ނިޒާމަށްވެސް ބުރޫއެރިކަން ފާހަގަކުރެވެއެވެ.

ކޮވިޑް-19ގެ ބަލިމަޑިކަމާއެކު ދުނިޔޭގެ ސިއްހީ ނިޒާމަށް ލޮޅުން އަރާފައިވާއިރު، ޑަބްލިއުއެޗްއޯއިން ދަނީ ކޮވިޑް-19: ހެލްތް ސާވިސަސް ލާނިންގް ހަބްގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ދެމުންދާ އިޖާބަ ހިއްސާކޮށް، ބިނާކުރަނިވި އުސޫލުތަކަށް އަހުލުވެރި ވުމުގެ މަގުސަދުގައި ތަރައްގީ ކުރަމުންދާ ޕްލެޓްފޯމެކެވެ.