އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވި 7800 އަށްވުރެ ގިނަ މީހުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެއެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވި 7804 މީހުންނަށް ނަސޭހަތްދީފައިވާއިރު އުސޫލުތަކާއި ހިލާފްވެގެން 3،042 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

އެގޮތުން މަގުމަތީގައި މާސްކު ނާޅާ އުޅުމުގެ ސަބަބުން 2901 މީހަކަށް ނަސޭހަތްދީފައިވާ ކަމަށާއި 1188 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅުނު 3813 މީހަކަށް ނަސޭހަތްދީފައިވާ ކަމަށާއި އަދި 1580 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 1095 މީހަކަށް ވަނީ ނަސޭހްތދީފައެވެ. އަދި 274 މީހަކު ވަނީ ޖޫރިމަނާ ކުރެވިފައި ކަމަށް ވެސް ސަމީރު ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވަންމަނާކޮށްފައިވާއިރު ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި އުޅުން މަނާ ވާނެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހެއެވެ.