ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ދުނިޔޭގެ އާބާދީގެ 74 ޕަސެންޓް މީހުން ވެކްސިން ޖަހަން ބޭނުން ވާ ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކުން، 20000 އެއްހާ މީހުން ބައިވެރި ކޮށްގެން، ވޯލްޑް އިކޮނޮމިކް ފޯރަމްއިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާއަށް ބަލާއިރު، ވެކްސިން ޖެހުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ ޗައިނާގެ ރައްޔިތުންނެވެ. ވެކްސިންއަކާ އެންމެ ގަޔާ ނުވާ ކަމަށް ހޯދުންތަކުން ދައްކަނީ ރަޝިއާގެ ރައްޔިތުން ކަމަށްވެއެވެ.
ދިރާސާގެ ހުލާސާ ނަތީޖާ
- ވެކްސިނެއް ތައާރަފުކޮށްފިނަމަ، އާބާދީގެ 74 ޕަސެންޓް މީހުން އެ ވެކްސިން ޖަހަން ބޭނުންވޭ
- ސާވޭގައި ބައިވެރިވި ޗައިނާ ރައްޔިތުންގެ ތެރެއިން 97 ޕަސެންޓް މީހުން ވެކްސިން ޖަހަން ބޭނުން
- ރަޝިއާއިން ވެކްސިން ޖަހަން ބޭނުން ކަމަށް ބުނީ، ސާވޭގެ ބައިވެރިންގެ ތެރެއިން 54 ޕަސެންޓް މީހުން
- އެމެރިކާއަށް ބަލާއިރު ވެކްސިން ޖަހަން ބޭނުން ކަމަށް 67 ޕަސެންޓް މީހުން ބުނިއިރު، 33 ޕަސެންޓް މީހުންގެ މާ ބޮޑު ޝައުގެއް ނެތް. ވެކްސިންއަކާ ދެކޮޅު ހަދާ މީހުންގެ 60 ޕަސެންޓް މީހުން ބުނަނީ، ވެކްސިންގެ ސަބަބުން ކުރިމަތިވެދާނެ ސައިޑް އިފެކްޓްތަކަށް ބިރު ގަންނަ ކަމަށް. އަދި 37 ޕަސެންޓް މީހުން ވަނީ، ވެކްސިންގެ ކާމިޔާބީއާ މެދު ސުވާލު އުފައްދާފަ
- ސާވޭގެ ބައިވެރިންގެ ތެރެއިން، މިއަހަރު ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދުގައި ތިބީ 40 ޕަސެންޓް މީހުން
ދިރާސާގެ ހޯދުންތަކަށް ރިއާޔަތްކޮށް، ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެގޮތުން އާބާދީގެ 4 ބައިކުޅަ 1 ބައި މީހުންނަކީ ވެކްސިން ނުޖަހާނެ ބައެއް ކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހެޑް އޮފް ޝޭޕިންގް ދަ ފިއުޗާ އޮފް ހެލްތް އެންޑް ހެލްތްކެއާ، އާނޯޑް ބާނާޓް ވިދާޅުވީ، ވެކްސިން ޖެހުމަށް 26 ޕަސެންޓް މީހުންގެ ފިކުރު ނެތްއިރު، މިއީ ކޮވިޑް-19އާ ދެކޮޅަށް ތައާރަފު ކުރާ ވެކްސިނެއްގެ ފުރިހަމަ ކާމިޔާބީއާއި މެދު ސުވާލު އުފައްދަނިވި ކަމެއް ކަމަށެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދަނީ، މުޅި ދުނިޔެއިން މި ބަލީގެ އެންމެ ފަހު ކޭސް ނައްތާލެވުމުން މެނުވީ، ކޮވިޑް-19އިން ސަލާމަތް ވެވެން ނެތް ކަމުގެ އިންޒާރުވެސް ދެމުންނެވެ.