ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު އެރަށަށް އެރުވުމާ ދެކޮޅަށް އެރަށު މީހުން އިހުތިޖާޖު ކުރަމުން ދެއެވެ.

ފުލުހުން ބުނީ ގއ. ވިލނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ އަށް ގެންދިޔަ ބަލި މީހަކު އެ ރަށަށް އެރުވުމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލި ކައުންސިލުގެ މެމްބަރު ހަބީބު ހަސަން ވިދާޅުވީ އެމީހާ އަކީ ތިނަދޫ އިން ޕޮޒިޓިވްވި މީހެއް ކަމަށެވެ. އަދި އެމީހާ އަކީ ހައި ރިސްކު މީހެއް ކަމުން ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރައްމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި އެޗްޕީއޭއިން ވަނީ އެމީހާ އެ ފެސިލިޓީއަށް ގެންދިއުމުގެ ހުއްދަވެސް ދީފައެވެ.

އެހެން ނަމަވެސް ރަށުގެ ބައެއް ރައްޔިތުން އެމީހާ އެރަށަށް ނޭރުއްވުމަށް އިހުތިޖާޖު ކުރަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރާއްޖޭގެ 31 ރަށެއްގައި 54 ޕޮޒިޓިވް ކޭސް އުޅޭއިރު ޕޮޒިޓިވް ވެފައިވާ 54 މީހުންގެ ތެރެއިން 48 މީހުންނަކީ ދިވެހިންނެވެ. އަނެއް ހަ މީހަކީ ބިދޭސީންނެވެ.

އިއްޔެ ކޮވިޑަށް ވަނީ 89 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 7,667 އަށް އަރާފައެވެ.