ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބައިނަލްއަގުވާމީ ބަނދަރު، ބަންދުކޮށްފައި ބޭއްވުމަށް ނިންމާފައިވާ ނިންމުމުގެ މުހުލަތު ދަންމާލުމަށް އަވަށްޓެރި އިންޑިއާއިން ނިންމައިފިއެވެ.

އާންމު ޝެޑިއުލް އުސޫލުން ކުރާ ބައިނަލްއަގުވާމީ ކޮމާޝަލް ފަސެންޖަރު ފްލައިޓްތަކަށް އިންޑިއާގެ ވައިގެ ދޮރޯށި ބަންދު ކުރުމުގެ މުހުލަތު އިތުރުކޮށްފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް، އިންޑިއާގެ ވައިގެ އުދުހުންތަކުގެ ރެގިއުލޭޓަރު ކަމަށްވާ، ޑީޖީސީއޭއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، ހާއްސަ ހުއްދައިގެ ދަށުން، ބައެއް ރޫޓުތަކުން ޝެޑިއުލްކޮށްގެން އޮޕަރޭޓް ކުރާ ބައެއް ފްލައިޓްތަކަށް އިންޑިއާގެ ވައިގެ ސަރަހައްދު ހުޅުވާލާނެ ކަމަށްވެސް އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން އާންމު ކުރި ސާކިއުލާގައި ވެއެވެ.

އާންމު އުސޫލުން ކުރަމުންދިޔަ ބައިނަލްއަގުވާމީ ކޮމާޝަލް ފަސެންޖަރު ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރުން، އިންޑިއާއިން ހުއްޓާލީ މާޗް 23 ވަނަ ދުވަހުއެވެ. ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ސަރުކާރު އިސްވެ އޮވެ ހިންގާ ވަންދޭ ބާރަތު މިޝަންގެ ދަށުން، އެއާ-ބަބްލް އުސޫލުން އެކި ގައުމުތަކާ އިންޑިއާ ދެމެދު ވަނީ ފްލައިޓްތަކެއް އޮޕަރޭޓް ކޮށްފައެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ފަސެންޖަރު ފްލައިޓްތައް އޮޕަރޭޓް ނުކުރަން ނިންމި ނަމަވެސް، ހަމައެކަނި ކާގޯ ހިފައިގެން ކުރާ ބައިނަލްއަގުވާމީ ފްލައިޓް ދަތުރުތަކަށް ހުރަހެއް ނޯންނާނެ ކަމަށްވެސް ޑީޖީސީއޭއިން ވަނީ ހާމަކޮށްފައެވެ.