ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2019 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 26 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ވާޗުއަލްކޮށް މިއަދު ބީއެމްއެލުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހަން ފާސް ކޮށްފައިވާއިރު، ހިއްސާދާރުންނަށް ފައިދާ ބަހަން ނިންމާފައި ވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ހުއްދަ ދީފި ނަމައެވެ.

އޭޖީއެމްގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިން ލަލަފާ ކުރެވުނު ފަދަ އިން ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާގެ ފަސް ޕަސެންޓް ދަށްވެފައިވާ ކަމަށާއި ސަބަބަކީ ޕްރޮވިޝަން ޗާޖު އިތުރުވުން ކަމަށެވެ.

ކުރިން ލަލަފާ ކުރެވުނު ފަދަ އިން ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާ ވަނީ ފަސް ޕަސެންޓް ދަށްވެފަ، އެގޮތަށް ދަށްވެފައި ވަނީ ޕްރޮވިޝަން ޗާޖު އިތުރުވުމުގެ ސަބަބުން، ބޭންކުގެ ޖުމްލަ އެސެޓްސްްއަށް ވަނީ 3.3 ބިލިއަން އިތުރުވެފަ، އެއީ 14 ޕަސެންޓް ގެ ކުރިއެރުމެއް
ސޯޔާ

އެމްއެސްޑީގެ ފަހިވޯޓު މެދުވެރިކޮށް މިއަދު ބެއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާ އަކަށް 26 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 98 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކުއެވެ. 2019 ވަނަ އަހަރުގެ ބީއެމްއެލްގެ ހަތަރު ވަނަ ކުއާޓަރުގެ ސާފު ފައިދާ 200 ގައި އުޅުނު އިރު، ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ މި އަހަރުގެ ނިމިދިޔަ ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ ވަނީ ދަށްވެފައެވެ.

އެމްއެމްއޭގެ ހުއްދަ ލިބުމުން ބީއެމްއެލުން ހިއްސާއަކަށް 26 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު، އެމްއެމްއޭއިން ބޭންކުތަކަށް އަންގާފައި ވަނީ، ކޮވިޑްގެ ހާލަތާ ގުޅިގެން ބޭންކުތަކުގެ ލިކުއިޑިޓީއަށް އަސަރުކޮށްފާނެތީ ހިއްސާގެ ފައިދާ ބެހޭނީ އެމްއެމްއޭގެ ހުއްދަ ލިބިގެން ކަމަށެވެ.