މިއަދު ރާއްޖޭގެ ކޮވިޑް-19ގެ ނަންބަރުތަކަށް ބަލާލާއިރު، އިތުރު 89 މީހަކު ޕޮޒިޓިވްވެ، 111 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް އިމްޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީން) ބުނެފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ޕޮޒިޓިވް ވެވައިވާ 89 މީހުންގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާއި ބަންގަލްދޭޝްގެ 20 މީހަކާއި އިންޑިއާގެ 5 މީހެއްގެ އިތުރުން ލަންކާ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 88 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށާއި އެކަކު ޕޮޒިޓިވް ވެފައި ވަނީ އަތޮޅު ތެރެއިން ކަމަށް އެޗްއީއޯސީން ބުނެއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ މީހުންގެ އަދަދު ވަނީ 7667 އަށް އަރާފައެވެ.

މިވަގުތު ކޮވިޑް ޖެހި ފަރުވާ ހޯދަމުންދާ 2597 މީހަކު ތިބިއިރު ރާއްޖެއިން ބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 5036 އަށް އަރާފައެވެ.

ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 181 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، 1486 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.