ހުޅުމާލެ ޖަލުން އިތުރު ހަ ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ އެ ސާވިސްގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދާ އިތުރު 6 ގައިދީއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ ކަމަށެވެ. އެއީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނޮޔަލަށް ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވް ވެފައިވާ މީހުން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

އޭގެ ތެރޭގައި ހުޅުމާލެ ޖަލުންނާއި ޑިޓެންޝަން ސެންޓަރުގައި މަސައްކަތް ކުރާ 10 އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓު ކުރިއެވެ. ނަމަވެސް 10 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވެ ވެފައި ކަމަށާއި ގައިދީންގެ ތެރެއިން 41 ސާމްޕަލް ނަގާފައި ވާއިރު، ޕޮޒިޓިވްވީ ހަތް މީހެއް ކަމަށް ކަރެކލްޝަނުން މައުލޫމާތު ދެއެވެ. މިހާތަނަށް 19 ސާމްޕަލެއް ނެގެޓިވް ވެފައި ވާއިރު، 15 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށް ކަރެކްޝަނުން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައި ތިބި ބިދޭސީންގެ ތެރެއިން މިހާތަނަށް ޖުމްލަ 31 ސާމްޕަލް ނަގާފައި ވާއިރު، މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ މި ދިޔަ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި ފަސް ބިދޭސީން ކަަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އަދި 16 ސާމްޕަލެއްގެ ނަތީޖާ ލިބި ނެގެޓިވް ވެފައިވާއިރު، ނަތީޖާ ނުލިބި 10 ސާމްޕަލެއް ހުރި ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް ވައިރަސް ވަދެފައިވާ ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެފަރާތުން ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ. ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސާވިސްއިން ކަނޑައަޅާފައިވާއުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދު ކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ކަރެކްޝަނުން ބުނެފައި ވެއެވެ.

ހުޅުމާލެ ޖަލުން ކޮވިޑް ކޭސް ފެނިފައި ވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7578 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 4925 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 2619 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 184 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1482 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.