އަފްގާނިސްތާނުގެ ޕަރްވާން ޕްރޮވިންސްއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު، އަފްގާނިސްތާނުގެ އެކްޓިން ފޮރިން މިނިސްޓާ މުހައްމަދު ހަނީފް އަތުމާރް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމެސެޖްގައި، ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައި އެގައުމަށް ކުރިމަތިވި މި އިތުރު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްގާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މީހުން ސަލާމަތްކުރުމާއި ރިކަވަރީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ކާމިޔާބީއަށް މިނިސްޓަރު ވަނީ އެދިވަޑައިގަނެފައެވެ.

ކާބުލް އާ އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.

ފެންބޮޑުވެފައިވަނީ މިދިޔަ ހަފްތާގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެންނެވެ. އެހާދިސާގައި 1500 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ. އަދި ގިނަ ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. ޕަރްވާންގެ އިތުރުންވެސް 7 ޕްރޮވިންސްއަކަށް ފެންބޮޑުވުމުގެ އަސަރު ވަނީ ކޮށްފައެވެ.