ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސްޑީ އޭޓީއެމް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ބީއެމްއެލުން ބުނީ ރޭ ހާދިސާއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ހ. މެރިން ޑްރީމް ކައިރީގައި ހުންނަ އޭޓީއެމް ސެންޓަރު ބަންދުކޮށްފައިވާ ކަމަށެވެ.

އަދި އެ އޭޓީއެމް ފިޔަވައި މާލެ ސަރަހައްދުގެ އެހެން އޭޓީއެމް ތަކުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން ޑޮލަރު އޭޓީއެމް ބަންދު ކުރި ނަމަވެސް، ހުޅުމަލޭގެ ރެނާޓަސް އިތާމުއި ގައި ހުންނަ އޭޓީއެމް އާއި ވެލާނާ އެއާޕޯޓުގައި ހުންނަ އޭޓީއެމްއަށް ސެންޓަރަށް ޑޮލްރު ޖަމާކޮށް ނެގޭނެ އިންތިޒާމު ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ.

ކެފޭ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު އެސްބީއައި ހުންނަ އިމާރާތަށް ވެސް ފެތުރުނު އިރު އެސަރަހައްދުގައި އުޅޭ މީހުންނަށް އަނިޔާއެއް ނުލިބި އެ ސަރަހައްދުން ދުރަށް ގެންދެވުނު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފާ ނުވާއިރު ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.