އިދިކޮޅުން އިއްޔެ ބޭއްވި ސިޔާސީ ހަރަކާތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުން ދާއިރު ބައެއް ފަރާތްތަކުން މާސްކުވެސް އެޅުމެއް ނެތި، ޒިންމާދާރު ބައެއް އިސް ފަރާތްތައްވެސް ހިމެނޭ ގޮތުން އިދިކޮޅުން ހަރަކާތެއް ބާއްވައިފި ކަމަށެވެ. އެ ހަރަކާތަކީ އެޗްޕީއޭގެ ގައިޑުލައިންތަކާވެސް ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވާއިރު އެކަން ރައީސް ވަނީ ކުށްވެރި ކުރުއްވާފައެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނު މުގުރާލާ އެޗްޕީއޭގެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޢިއްޔެ އިދިކޮޅު ޕީޕީއެމުން އިން ވަނީ މާލޭގައި ގިނަ ބަޔަކާއެކު ސައިކަލު ބުރެއް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސައިކަލު ބުރުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަން ހުންނެވި އިރު މާސްކްވެސް ނާޅުއްވާ ހުންނެވިކަން ވަނީ ފާހަގަވެފައެވެ.

އިއްޔެ ޕީޕީއެމް އިން ބޭއްވި ހަރަކާތުގައި ރައީސް ވަހީދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ

އެއްވުމުގައި ބައިވެރިވި ފަރާތްތަކާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވެފައި ވަނީ ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި އަދި ރާއްޖޭގެ ރައްޔިތުން އެންމެ ނިކަމެތިވި ދަނޑިވަޅުގައި ފެންނަމުން ދަނީ ސަރުކާރުން އަދާ ކުރަން ޖެހޭ ވާޖިބު އަދަ ނުކުރޭވޭ ތަން ކަމަށެވެ. އަދި ރައްޔިތުން ހިމާޔަތް ކޮށް، ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ނުކުރެވޭތަން ކަމަށާއި، ރައްޔިތުންނަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރު ނާގާބިލުވެ ނުޅެދިފައިވާތަން ކަމަށް ވެސް ޑރ. ވަހީދު ވަނީ ވިދާޅުވެފައެވެ.

ޑރ. ވަހީދު މާސްކު ނާޅުއްވައި ބައިވެރިންނާ މުހާތަބު ކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

އިއްޔެ ޕީޕީއެމް އިން ބޭއްވި ހަރަކާތުގައި ރައީސް ވަހީދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ

އެގޮތުން ދައުލަތުން ފުރިހަމައަށް އިނާޔަތާއި ރައްކާތެރިކަން ހޯއްދަވަމުން އެޗްޕީއޭ ގެ އުސޫލުތަކަށް ގޮން ޖައްސަވައި ގަވާއިދުތައް މުގުރުމަށް މިގައުމުގެ ކުރީގެ ރައީސަކު ގޮވާލެއްވުމަކީ ލަދުވެތިކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ. އަދި އެއީ މިގައުމަށް ކުޑަވެސް ލޯތްބެއް އެމަނިކުފާނުގެ ހިތްޕުޅުގައި ނެތްކަމުގެ ދަލީލެއްކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފައެވެ.

ޝިފާއުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ޑރ. ވަހީދަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރޮޒައިނާ ވިދާޅުވީ ކޮވިޑު ކޮންޓުރޯލު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ސިއްހީ މާހިރުން، ގޭގައި މަޑުކުރުމަށް އާންމުންނަށް ގޮވާލާއިރު މި ދަނޑިވަޅުގައި ސިޔާސީ ބޭނުމެއްގައި އެއްވެއުޅުމަކީ ކުރީގެ ރައީސްއެއްގެ ފަރާތުން ފެނުނު ދެރަ ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ބައެއް ގަޑިގަޑީގައި އެކަނި މީހަކު ސައިކަލު ދުއްވުންވެސް މަނާކުރެވިފައި ވާ އިރެއްގައި، ވަކިބަޔަކު ނުކުމެ ސިޔާސީ ގައިގޯޅި އެއްވުންތައް ބޭއްވުމަކީ އެޗްޕީއޭގެ އިރުޝާދަށް ބޯލަނބައިގެން އުޅޭ މީހުންނަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި ކުރީގެ ރައީސުންގެ އިނާޔަތަކީ ގައުމު ފަސާދަކުރަން ދެވޭ އެއްޗެއް ނޫން ކަމަށް ވެސް ވައްޑޭ ވަނީ ވިދާޅުވެފައެވެ.

އިއްޔެ ޕީޕީއެމުން އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.

ފުލުހުން ވަނީ އިއްޔެ ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ޕޮލިހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.