އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފިއެވެ.

އެ ޕްރޮޖެކްޓްތައް ފެށުމަށް ވަޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ 9.989 މިލިއަން ދިވެހި ރުފިޔާގެ އެ ޕްރޮޖެކްޓްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އެ 2 ޕްރޮޖެކްޓްވެސް ހިންގާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ. އެ ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސެންޓްރަލް ޕާކް މަރާމާތުކުރުމަށް 8،9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު އެމަރާމާތުގެ މަސައްކަތުގެ ތެރޭގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނެއެވެ. އަދި ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހެދޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް 995 ހާސް ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.