އިންތިހާބީ ދާއިރާގެ ބަދަލުގައި އަތޮޅުތެރޭގެ ކޮންމެ ރަށަކުން ކުއްޖަކަށް ފުރުސަތު ލިބޭގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ލޯން ސްކީމްގެ އުސޫލަށް ބަދަލު ގެނައުމަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ އިބްރާހިމް ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރިކައިގެ ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރައްވައިފިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ، މިއަހަރުގެ މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމްގައި ރައްޔިތުން މަޖިލީހުގެ 87 ދާއިރާއަށް ނިސްބަތްކޮށް ވަކި ކެޓެގަރީއަށް އުފައްދާ ލޯންގެ ފުރުސަތުތައް މިއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ މިނިސްޓަރު ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަހިވާގޮތަށް ސްޓޫޑެންޓް ލޯނުގެ އުސޫލަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ، މަޝްވަރާގެ އުސޫލުން އެކަން ހަމަޖައްސަވާނެ ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މާލީ އެހީ ދިނުމުގައި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރެއިން މީހުން ބިނާކުރުން އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިންތިހާބީ ހުރިހާ ދާއިރާތަކަށް ވަކިވަކިން ފުރުސަތު ކަނޑައަޅާފައި ވަނީ ލާމަރުކަޒީ ނިޒާމް ތަރައްގީކޮށް މުޅި ރާއްޖެއަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރޭގައި މީހުން ބިނާކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް އަތޮޅުތެރެއަށް ނިސްބަތްކޮށް ފުރުސަތުތައް ދެވުނު ނަމަވެސް ބޮންޑް ކުރުމުގެ އުސޫލެއް ނެތް ކަމަށެވެ. އެހެންކަމުން ކިޔަވާ ނިމިގެން އައިސް ރަށްރަށުގައި ގިނަ ކުދިން ހިދުމަތްކުރަމުން ނުދާތީވެ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މީހުން ބިނާކުރުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި ވެސް ޓްރެއިނިންގެ ނީޑްސް އެނޭލިސިސް އަށް ބެލުމަށްފަހު 514 ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމް ކުރިއަށް ގެންދިއުމަށް ނިންމެވުމަކީ އޭގެ މިސާލެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ލޯނު ދޫކުރަމުން ދަނީ ނެޝަނަލް ޓްރެއިނިން ނީޑްސް އެނަލިސިސްއެއް ހެދުމަށް ފަހު އެ ލިސްޓްގައި ހިމެނޭ ދާއިރާތަކުން މަތީތައިލީމު ހާސިލްކުރުމަށް ކަމަށެވެ.
ނަމަވެސް، އެންމެ ފަހުން އިއުލާނު ކުރި ލޯނު ސްކީމްގައި ވެސް މަދު ފުރުސަތުކޮޅެއް އޯޕަން ކެޓަގަރީގައި އޮންނާނެ ކަމަށާއި، އޭގެ ބޭނުމަކީ މިހާރު އޮތް ޓްރެއިނިން ނީޑްސްގައި ހިމެނިފައިނެތް ދާއިރާއަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ދިނުން ކަމަށެވެ. އަދި އެއީ ކުރިމަގުގައި ގައުމަށް ލާބަކޮށްފާނެ ކަމެއްކަމަށްވާތީ އެކަމަށް މަގުފަހިކޮށްދިނުމާއި، ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ އޮވެދާނެ ކަންބޮޑުވުމަށް ތަސައްލީ ހޯދައިދިނުމަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ސްޓޫޑެންޓް ލޯނު ސްކީމްގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައެވެ. އެގޮތުން، ސްޓޫޑެންޓް ލޯނު ދޫކުރާއިރު އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ ދާއިރާތަކުން ކިޔެވޭނެ މަގުފަހި ކޮށްދިނުމާއި، ގައުމަށް ބޭނުން ނުވާ ދާއިރާތަކުން ތައުލީމު ހާސިލްކުރުމަށް ސްޓޫޑެންޓް ލޯނު އުސޫލު ފަހިވެފައި އޮވެގެން ނުވާނެ ކަން މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި ކިޔަވާ ނިމިގެން ގައުމަށް އެނބުރި އައިސް ހިދުމަތް ކުރާކަން ކަށަވަރު ވާނޭ ގޮތްތައް ހޯދާ އެގޮތްތަކަށް އަމަލުކުރެވޭނެ އުސީލުތައް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ.