ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވައިދާ ހިލާފަށް، ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅެގެން މިދިޔަ 24 ގަޑިއިރު ތެރޭގައި 29 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ރޭ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ 24 ގަޑިއިރު ތެރޭ 10 ގެ ފަހުން ބޭރުގައި އުޅުނު 66 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި 29 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން، ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެކެވެ. އެވަގުތު ތަކުގައި ގަވައިދާ ހިލާފަށް އުޅުނު 97 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި 52 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވަންމަނާކޮށްފައިވާއިރު ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި އުޅުން މަނާ ވާނެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހެއެވެ.

މިދިޔަ އާދިއްތަ ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވަނީ ކާފިއުގެ ވަގުތުތަކުގައި އެންމެ ގިނައިން ބޭރުގައި އުޅެނީ އުމުރުން 18 އަހަރާއި 40 އަހަރުގެ މީހުން ކަމަށް ވިދާޅުވެފައެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ 41 އަހަރާއި 65 އަހަރުގެ މީހުން ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.