"ހިޔާ ފްލެޓް: ކުރީގެ ބައެއް މަޖިލިސް މެންބަރުންގެ އާއިލާތަކަށް 11 ފްލެޓް ވެސް ލިބުނު!" ސުރުހީގެ ދަށުން މި ނޫހުގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން ގދ ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު އާއިލާގެ މެންބަރަކު އެކަން ދޮގު ކުރައްވައިފިއެވެ.

އެމްޕީ އަބްދުﷲ އަހުމަދު އާއިލާގެ މެންބަރު ނާސިރު އަހުމަދު ވިދާޅުވީ، އެ އާއިލާގެ 4 މީހަކަށް ފްލެޓް ލިބުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި، ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތަށްވެސް ޝަތުރު ހަމަނުވާ ކަމަށް ބުނެ ފްލެޓް ލިބިފައި ނުވާ ކަމަށެވެ.

މި ނޫހުގައި ޝާއިއު ކުރި ހަބަރުގައި ކުރީގެ މެންބަރު އަބްދުﷲ އަހުމަދު "އާއިލާއަށް ވެސް 4 ފްލެޓް" ލިބުނު ކަމަށް ޖަހާފައި ވަނީ މި ނޫހަށް ލިބުނު މައުލޫމާތުގެ މައްޗަށެވެ. ނަމަވެސް އަބްދުﷲ އަހުމަދު އާއިލާއަށް ފުލެޓް ލިބިފައި ނުވާކަމަށް އެއާއިލާގެ މެންބަރު ނާސިރު ވިދާޅުވިއެވެ. އަދި ފްލެޓް ލިބިފައި އޮތް ކަމަށް ބުނާ ލިސްޓުގައި އޮތީ ނާސިރުގެ އަނބިކަނބަލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ފްލެޓް ލިބިފައިވާ ކަމަށް ބުނާ މީހުންނަކީވެސް އޭނާގެ އާއިލާގެ މީހުން ނޫން ކަމަށެވެ.

މި ނޫހުން ޝާއިއު ކުރި ހަބަރުގައި "ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދުގެ އާއިލާއަށް ވެސް 4 ފްލެޓް ވަނީ ލިބިފައި" ކަމަށް ޖެހިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށް ވާތީ، އެކުށަށް އެއާއިލާ އާއި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.