ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ނެގި ހުރިހާ ވޯޓެއް އޮޅުވާލި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ރައީސް މައުމޫންގެ ދަރިކަލުން ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ރައްދު ދެއްވައިފިއެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދޮގު ހެދުން ނޫން ކަމެއް ނުދަންނަ މީހެއްގެ ބަސް ދިވެހިން ގަބޫލު ނުކުރާނެ" ކަމަށެވެ.

އަދި ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު އިދިކޮޅު ފަރާތްތަކުން އޮޅުވާލީ ކަމަށާއި އަދި އިސްތިއުފާ ދެއްވުމަށް ފަހު ބަޣާވާތެއް ކަމަށާއި އަދި ވެރިކަމާއި މަޖިލީހާ ހުރިހާ ބާރެއް ލިބިވަޑައިގެން ނުހިންގުމުން އެއީ ކުރީ ސަރުކާރު ނޫނީ ކޯލިޝަނުން ކުރި ކަމެއް ކަމަށް ވިދާޅުވާ ކަމަށެވެ.

ޣައްސާން އެކަމަށް ރައްދު ދެއްވާފައި ވާއިރު، ރައީސް މައުމޫނުވެސް ވަނީ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒު ކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާން ހިތާމަ ކުރައްވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ރައީސް ނަޝީދު ބައްލަވާތީ ކަމަށާއި 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލެއްވި ކަމަށް ނަޝީދު ވިދާޅު ވާ އިރު 2008 ގެ އިންތިހާބު އޮޅުވާ ނުލެވުނީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އަދި ބުއްދި ގަބޫލު ކުރާ ވާހަކަ ދެއްކެވުމަށާއި "ބުއްދި ގަބޫލު ކުރާ ޖަވާބެއް" ދެއްވުމަށް ރައީސް މައުމޫން ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ވެރިިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަޖިލީހަށް ވެއްދުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫނު ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން 2007 ވަނަ އަހަރު ނިންމީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި، ރައީސް މައުމޫނުގެ ވެރިކަމުގައި ނެގި ހުރިހާ ވޯޓެއްގައި އޮތީ ކަނޑައެޅިގެން އޮޅުވާލައި މަކަރު ހަދާފައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫނުގެ ހަޔާތްފުޅުގައި ކޮންމެ ވޯޓެއް އެމަނިކުފާނު އޮޅުވާލެއްވި ކަމަށާއި 2007 ގެ ނިޒާމުގެ ވޯޓުވެސް ހެއްދެވީ އެހެން ކަމަށާއި ރައީސް މައުމޫނަށް އޮޅުވައި ނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުން މައުމޫނު ވަނީ ބަލިވެވަޑައިގެންފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވަނީ ރައްޔިތުންގެ ނިންމުމަށް ގޮންޖެއްސެވުމަށް ފަހު ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވަނީ އެމްޑީއެންގެ ލާދީނީ އެޖެންޑާ ކާމިޔާބު ނުކުރެވިގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެވެ. އެއީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ 62 ޕަސެންޓް އަޣުލަބިއްޔަތާއެކު ގެނައި ނިޒާމެކެވެ.