ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކަންބޮޑުވުންތަކާއެކު، އިންޑޮނޭޝިއާގެ މަޝްހޫރު މަންޒިލް "ބާލީ" ގައި ބިދޭސީ ފަތުރުވެރިންނަށް ބަންދު ބޯޑު އަޅުވައިފިއެވެ.

މި އަހަރުގެ ކުރިއަށް އޮތް ތަނުގައި، ބޭރުގެ އެއްވެސް ފަތުރުވެރިއަކަށް ބާލިއަށް ޒިޔާރަތް ނުކުރެވޭ ގޮތަށް އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަމަޖައްސާފައެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، އަންނަ މަހުން ފަށައިގެން ބޭރުގެ ފަތުރުންނަށް ބާލީ ހުޅުވާލެވޭނެއެވެ.

ބޭރުގެ ފަތުރުވެރިންނަށް ބާލީ ބަންދުކޮށްފައިވަނީ އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ. ބާލީ ހުޅުވާ ނުލާން ނިންމުމާއެކު، އިންޑޮނޭޝިއާގެ އިގުތިސޯދީ ކުރިމަގާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އިންޑޮނޭޝިއާއަކީވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމެކެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ހޯދާދިނުމަށް އިންޑޮނޭޝިއާއިން ވަނީ ދާހިލީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ހުޅުވާލާފައެވެ. ނަމަވެސް، އިތުރު އާމްދަނީ ހޯދުމަށް ގިނަ އަދަދެއްގެ މުވައްޒަފުން އެމީހުންގެ އަމިއްލަ ރަށްތަކަށް ބަދަލުވާން ފެށުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހޮޓާތަކާ ރެސްޓޯރަންޓްތަކުގެ މެނޭޖްމަންޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިންޑޮނޭޝިއާގައި މިހާރު އޮތް ހާލަތަކީ ބޭރުގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ވެއްޓެއް ނޫން ކަމަށް ބުނެ މިއަހަރުގެ ނިޔަލަށް ބާލީގައި ބަންދު ބޯޑު އަޅުވާފައިވާއިރު، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ބާލީ ހުޅުވާލާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.