ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން، އެންމެނަށް އެއް އުސޫލަކުން ފޯރުކޮށްދިނުމަށް ބައިނަލްއަގުވަމީ ފެންވަރުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހިންގާ ކޯވެކްސް ޕްލެޓްފޯމްގައި 172 ގައުމަކުން ބައިވެރިވެފައިވާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ބަލިމަޑުކަމަށް ނިމުމެއް ގެނައުމަށް ގައުމުތަކުގެ ސަރުކާރުތަކާ، ޖަމިއްޔާތަކާ، ސައެންސްވެރިންނާ، ވިޔަފާރިވެރިންނާ އެހީދޭ ފަރާތްތައް ގުޅިގެން ޑަބްލިއުއެޗްއޯއާއިއެކު މިއަހަރުގެ އޭޕްރިލް މަހު ލޯންޗުކުރި 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމްގެ އެއް ތަނބު ކަމަށްވާ ކޯވެކްސް ޕްލެޓްފޯމަކީ، ގައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބުމުގެ ފުރުސަތު ކަށަވަރު ކުރުމަށްޓަކައި، ގައުމުތަކުން ބައިވެރިވުން މުހިންމު ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ހެލްތް ޕޮލިސީ ވޮޗް

މި ޕްލެޓްފޯމުގައި 172 ގައުމަކުން ބައިވެރިވެފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އަދިވެސް އިތުރު ފަންޑު ބޭނުންވާ ކަމަށާ، ގައުމުތަކުން ފޯރުކޮށްދޭން ބުނާ އެހީތެރިކަން އަމަލީ ގޮތުން ފޯރުކޮށްދެމުންދާންޖެހޭ ކަންވެސް ޑަބްލިއުއެޗްއޯއިންވަނީ ފާހަގަކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ ފުރަތަމަ ލިބޭނީ ވެކްސިންގެ ސަޕްލައި، އަދަދުން މަދުވާނެ ކަމަށާ، ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހައި ރިސްކު ގިންތީގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުން މުހިންމު ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، ތަނަވަސް ގައުމުތަކުން މިހާރުވެސް ދަނީ ބޮޑެތި އަދަދުތަކުން ޚަރަދު ކޮށްގެން ވެކްސިން ޑޯޒްތައް އެ ގައުމުތަކަށް ކަށަވަރު ކުރަމުންނެވެ. ނަމަވެސް، ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ވެފައި، މުޅި ދުނިޔެއިން މި ބަލިމަޑުކަން ނައްތާނުލެވެނީސް އެއްވެސް މީހަކަށް ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ.

ވެކްސިނެއް ކާމިޔާބު ވުމާއެކު ފުޅާ ދާއިރާއެއްގައި އެ ވެކްސިން އުފައްދާ، ދުނިޔޭގެ އެންމެ ދުރު ހިސާބުތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ކޯވެކްސް ޕްލެޓްފޯމް އެހީވެދޭނެއެވެ. ކޯވެކްސްގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު އެންމެ މަދުވެގެން 2 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމެވެ. ޑަބްލިއުއެޗްއޯގެ އަމާޒަކީ، ކޯވެކްސް ޕްލެޓްފޯމާ ގުޅޭ ގައުމުތަކުގެ އާބާދީގެ އެންމެ މަދުވެގެން 20 ޕަސެންޓަށް ވެކްސިން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ޕްލެޓްފޯމް އެހީތެރިވެދޭނެ ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރާ ވެކްސިން ތަޖުރިބާކުރަމުންދާ އިއާން ހޭޑަން/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

މިއަހަރުގެ އޭޕްރިލް މަހު ލޯންޗުކުރި 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމް ބިނާ ކުރެވިފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ ކޮވިޑް-19އަށް ޓެސްޓު ކުރުމާ، ފަރުވާ ދިނުމާ، ވެކްސިންގެ އިތުރުން ސިއްހީ ނިޒާމުގެ ތަނބެވެ. 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓާ' ޕްރޮގްރާމް ހިންގުމަށް 31.3 ބިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރެއެވެ.