ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެތްތަކުގެ ތެރެއިން ގުޅީފަޅު ފްލެޓާއި ވެށިފަހި މަޝްރޫއިން އަރަބިއްޔާ އަދި ގާކޮށިން ފްލެޓުގެ ޔަގީންކަން ލިބި ފްލެޓް ނުލިބުނު މީހުންނަށް ހާއްސަ ކެޓަގަރީން ދޭ ފްލެޓުގެ އަދަދުން 180 ފްލެޓް އުނިކޮށްފިއެވެ.

ފްލެޓް ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގުޅީފަޅު ނުވަތަ އަރަބިއްޔާ އަދި ގާކޮށި ފްލެޓުން ފްލެޓް ޔަގީންކަން ދިނުމަށް ފަހު ފްލެޓް ނުލިބުނު މީހުންނަށް ހިޔާ މަޝްރޫއިން ފްލެޓް ދިނުމަށް ނިންމާފައިވާ ކެޓަގަރީން ދެން ދޭނީ 120 ފްލެޓް ކަމަށެވެ.

މީގެ ކުރިން މި ކެޓަގަރީން ދޭޏް ނިންމާފައި ވަނީ 300 ފްލެޓެވެ. އެހެންކަމުން މި އަދަދުން 180 ފްލެޓް މި ވަނީ އުނިކޮށްފައެވެ.

ޖުމްލަ 11 ކެޓަގަރީއެއް އޮތް އިރު އޭގެތެރެއިން 5 ކެޓަގަރީއަކުން ވަނީ ފްލެޓްތައް މަދުކޮށްފައެވެ. އެ ގޮތުން މަދުކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީންނާއި، ޓީޗަރުންނަށް ހާއްސަ ކެޓަގަރީންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީންނާއި 18 އަހަރާއި 40 އަހަރާ މެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ އިތުރުން ގުޅީފަޅި / ގާކޮށި އަރަބިއްޔާއިން ފްލެޓް ނުލިބުނު ފަރާތްތަކުގެ ކެޓަގަރީއެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީން ކުރިން ދިނުމަށް ނިންމާފައި ވަނީ 475 ފްލެޓެވެ. ނަމަވެސް މިހާރު ވަނީ 233 ފްލެޓަށް އަދަދު މަދުކޮށްފައެވެ. ޓީޗަރުންނަށް ހާއްސަ ކެޓަގަރީން ކުރިން ދޭން ނިންމާފައި ވަނީ 625 ފްލެޓެވެ. ނަމަވެސް މިހާރު ވަނީ 523 ފްލެޓަށް އަދަދު މަދުކޮށްފައެވެ. އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީން ކުރިން ދޭން ނިންމާފައި ވަނީ 500 ފްލެޓަށް ވީއިރު މިހާރު ވަނީ 423 ފްލެޓަށް އަދަދު މަދުކޮށްފައެވެ. އަދި 18 އަހަރާއި 40 އަހަރާ ދމެެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެތަގަރިން ކުރިން ދޭން ނިންމާފައި ވަނީ 1000 ފްލެޓް، ނަމަވެސް މިހާރު ވަނީ 805 ފްލެޓަށް އަދަދު މަދުކޮށްފައެވެ.

ނަމަވެސް ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފްލެޓްގެ ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ފްލެޓްތަކުގެ އަދަދަށް ބަދަލު ގެނެސްފައި ވާއިރު މާލެ ރަށްވެހިންގެ ކެޓަގަރީން ދޭ ފްލެޓް ގެ އަދަދު ވަނީ އިތުރު ކޮށްފައެވެ. ކުރިން 1000 ފްލެޓް ދޭން މި ކެޓަގަރީން ނިންމި ނަމަވެސް މިހާރު ދޭން ނިންމާފައި ވަނީ 1772 ފްލެޓެވެ.

ވެށިފަހި މާލެ ޕްރޮގްރާމަށް 507 ފަރާތެއް މާލެއިން ބިން ދޫކޮށްލާ ގޮތަށް މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަަމަށާއި 245 ފަރާތަކަށް މާލެއިން ބިން ދޫކޮށްލާ ގޮތަށް ހުޅުމާލެއިން ބިން ލިބިފައިވާ ކަމަށާއި 101 ފަރާތެއް އަރަބިއްޔާ އަދި ގާކޮށި ފްލެޓަށް ވަދެފައިވާ ކަމަށާއި 98 ފަރާތަކަށް ހުޅުމާލެއިން ފްލެޓްތަކަށް ވަދެވުނު ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައި ވެއެވެ.

ގުޅީފަޅު ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ފަހު ގެއްލުން ލިބުނު 140 ފަރާތެއް ތިބި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައި ނުވާ ފަރާތްތަކަށް ސަރުކާރުން ބަދަލު ދިނުމުގެ އެގްރީމެންޓުތަކެއް ހަދައި ސޮއިކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.