ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އައްޔަނުކުރަން ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި ވަނީ އެޗްއާރުސީއެމްގެ ހަތަރު މަގާމަކަށް އައްޔަނުކުރަން 8 ބޭފުޅެއްގެ ނަމެވެ. މިއަދުގެ މަޖިލީހުގައި ޖަލްސާގައި އެ ނަންތައް ވަނީ ދިރާސާ ކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވެވީ އަށް ބޭފުޅެއްގެ ނަމެވެ.

  • މަރިޔަމް ލައިޒާ، ހ. ފެހިއާލާ
  • އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ ވާދޫ
  • ޑރ އަދުހަމް އަބްދުﷲ، މއ. މާވެޔޮގެ
  • އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ، ސ. ފޭދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • މޫމިނާ ވަހީދު، މ.ޖިއެނާ
  • އަޒްލީމާ އަހުމަދު، ދަފްތަރު ނަމްބަރު ރސ 341-94
  • މުހައްމަދު ފައުޒީ، ބަހާރުމާގެ، ގއ.ވިލިގިލީ

ކޮމިޓީ މަރުހަލާގައި އިންޓަވިއު ކުރުމަށް ފަހު، ފާސްވާ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. މެމްބަރުން އައްޔަނު ކުރާނީ ތަޅުމުން ރުހުން ލިބިގެންނެވެ.

މި މަހުގެ 19 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނިކޮށް، ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެމްބަރު އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.