އާބާދީގައި 10،300 ރަޖިސްޓްރީ އޮންނަ ކުޅުދުއްފުށީގައި މިހާރު 12،500 މީހުން އުޅޭކަމަށް ހިސާބުތަކުން ދައްކައެވެ. މާޗް 1، 1982 ގައި ފެށި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީވެ ބޮޑުވެ ފުޅާވަމުން ގޮސް، ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތަށް ބަދަލު ވީ 1999 ވަނަ އަހަރުއެވެ.

މިހާރުވެސް އެވްރެޖްކޮށް ދުވާލަކު 500 އާއި 700 ދެމެދު މީހުން އެކި ކަންކަމުގައި ކުޅުދުއްފުއްޓަށް ދެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދަން ދާ އިރު އަބަދުވެސް ގިނަ ބައެއްގެ ޝަކުވާ އަކަށް ވަނީ ހޮސްޕިޓަލުގައި އެކަށީގެންވާ ވަަރަށް ވަސީލަތްތައް ނެތުން ނުވަތަ ޑޮކްޓަރުންގެ ދަތިކަމުގެ ވާހަކައެވެ.

ނަމަވެސް ނިމިދިޔަ އަހަރުތަކާ އަޅާ ބަލާއިރު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދުވަހުން ދުވަހުން އިތުރުވަމުން ދާކަމީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދާ މީހުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ކުޅުދުއްފުއްޓަށް ބޭސް ފަރުވާ އަށް އ އަތޮޅުން ދިޔަ ބަޔަކު

"މިހާރު ދެން ވަރަށް ބޮޑުތަނުން ރަނގަޅު ވެއްޖެ، ކުރިން ވިއްޔާ އެޕޮއިންޓްމަންޓެއްވެސް ލިބުމަކީ ވަރަށް ދަތިކަމެއް. ހާއްސަކޮށް ދަތުރުފަތުރުގެ ކަންކަން އޮންނަ ގޮތުން، މިހާރުވެސް އަހަރެމެން ހިސާބުން ކުޅުދުއްފުއްޓަށް ދާން އެބަ ނަގާ 3000ރ. ވަރަށް ބޮޑު އެއްޗެއް ދޯ އެއީ. އެކަމަށް ހައްލެއް ހޯދަން ވީ"
ކުޅުދުއްފުށީ ހޮސްޕިޓަލުން ހިދުމަތް ހޯދާ ހއ ކެލާ މީހެއް

އޭނާ ބުނީ އެ ސަހަރައްދުގައި އެކަށީގެންވާ ފެންވަރެއްގެ ހިދުމަތެއް ލިބޭ ތަނަކަށް އޮންނަނީ ކުޅުދުއްފުށި ކަމަށް ވާތީ، އެތަނަށް ނުގޮސް ވާނެ ގޮތެއް ނެތް ކަމަށާއި ދިއުމުގެ ހަރަދަކީ ބޮޑު ހަރަދެއް ކަމަށެވެ. ހއ އަދި ހދ އަށް ދުއްވާ ފެރީއެއް އެ ސަހަރަހައްދުގައި އޮތް ނަމަވެސް، ކޮންމެ ފަހަރަކު ފެރީގައި ދެވޭ ގޮތަށް ދަތުރު ތައްޔާރު ނުވާ ކަމަށާއި، އިމަޖެންސީއެއް ފަދަ ކަމެއް ދިމާވިޔަސް 3000ރ "ޢެއްލާލަން" ޖެހޭ ކަމަށެވެ.

އަތޮޅުތެރެއިން ވާހަކަ ދެއްކި އެހެން މީހަކުވެސް ބުނީ ކުޅުދުއްފުއްޓަށް ދިއުމުގެ ހަރަދު ބޮޑު ކަމަށާއި، އެކަމަށް އެދެވޭ ހައްލެއް އަންނަން ޖެހޭ ކަމަށެވެ.

މިހާރު ކުޅުދުއްފުށި ހޮސްޕިޓަލަކީ މާލެ ފިޔަވައި އަތޮޅު ތެރޭގައި ހުންނަ ހޮސްޕިޓަލް ތަކުގެ ތެރެއިން އެންމެ ގިނަ ހިދުމަތްތައް ލިބޭ އެއް ހޮސްޕިޓަލެވެ. މީގެ އެއް ހެއްކަކީ ހދ އަދި ށ އަތޮޅުގެ އިތުރުން އެ ހޮސްޕިޓަލަށް ނ، ރ، ބ، ޅ އަދި ކ އަދި އ އަތޮޅުގެ މީހުން ވެސް ސިއްހީ ފަރުވާ އަށް ދާ ދިއުމެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ތައާރަފު ކުރި ބައެއް ހިދުމަތްތައް:

އެހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ މެޑިކަލް އިކުއިޕްމަންޓްސް ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ގެންގޮސްފައެވެ. އަލަށް ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި އެހޮސްޕިޓަލުގައި މިހާރު ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ޕީސީއާރް ލެބޯޓްރީއެއް ގާއިމުކޮށް އެހިދުމަތް ނިމިދިޔަ ޖުލައި މަހުގެ ދޭން ފެށުން ފާހަގަ ކޮށްލެވެއެވެ.

މި ހިދުމަތަކާއެކު އެރަށުގެ އިތުރުން ކައިރި ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ކޮވިޑަށް މިހާރު ޓެސްޓު ކުރެވޭނެއެވެ.

އޭގެ އިތުރުން އެ ހޮސްޕިޓަލުން ދެމުން ދާ ސީޓީ ސްކޭންގެ ހިދުމަތުގައި މިހާތަނަށް 534 ސީޓީ ސްކޭން ހަދާފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހަމައެހެންމެ 2 ތިއޭޓަރެއް އޮޕަރޭޝަން ކުރެވޭ ގޮތަށް ބަދަލު ކޮށްފައި ވާއިރު ޒަމާނީ ފެންވަރުގެ ލޭބާ ރޫމެއް ވެސް މިހާރު ވަނީ އެ ހޮސްޕިޓަލުގައި ތަރައްގީ ކޮށްފައެވެ.

އެ ހޮސްޕިޓަލުގައި މިހާރު މެމޯގްރަފީގެ ހިދުމަތް ދޭ އިރު އޮކްސިޖަން ޕްލާންޓް ހައުސް ވެސް ވަނީ އިމާރާތް ކޮށްފައެވެ. އަދި ހަމަ އެހެންމެ ވޯޑުތައް އެއާ ކޮންޑިޝަން ވެސް މިހާރު ވަނީ ކޮށްފައެވެ. އަދި މެޑިކަލް މެޝިނަރީތަކުގެ ތެރޭގައި ލެބޯރަޓަރީ ހިދުމަތްތަކަށް އަދި ފިޒިއޯތެރަޕީ އަށް ބޭނުންވާ އިކުއިޕްމަންޓް ވެސް މިހާރު އެހޮސްޕިޓަލުގައި ވަނީ ތައާރަފް ކޮށްފައެވެ.

ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިދުަތް ހޯދަން ގޮސް ތިބި ބައެއް ---

ޑޮކްޓަރުންގެ މައްސަލައަކީ ވެސް މީގެ ކުރިން އެހޮސްޕިޓަލުގައި ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން މިއަދު ޑޮކްޓަރެއް ހުރިއްޔާ އެ ޑޮކްޓަރަކު މާދަމާއަކު ނުހުންނަ ކަމުގެ ޝަކުވާ ކުރިން ދިޔައީ އިވެމުންނެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުގައި ޑޮކްޓަރުންނާއި ނަރުހުންގެ މައްސަލަ އަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިއްޖެ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވިއެވެ.

"މިވަގުތު މަސައްކަތް ކުރޭ އެބަ 45 ޑޮކްޓަރުންނާއި 75 ނަރުހުން. މިހާރު ޑޮކްޓަރުންގެ ދަތިކަން ހައްލުވެފައި އޮތަސް އަދިވެސް ނަރުހުން ބޭނުންވޭ."
ދާއޫދު

ހޮސްޕިޓަލުގައި މަސައްކަތް ފަހުން އިތުރު ކުރި ބައެއް ޑޮކްޓަރުންނާއި ނަރުހުން؛

  • ސްޕެޝަލިސްޓް 9
  • ސުޕާ ސްޕެޝަލިސްޓު 2
  • މެޑިކަލް އޮފިސާ 4
  • ފޮރިން ނަރުހުން 5

އޭގެ އިތުރުން 1 ފާމަސިސްޓަކާއި 1 ބަޔޯމެޑިކަލް ޓެކްނީޝަން އަދި ދިވެހި ފިޒީޝަނެއް އަދި ސާޖަން އެއް ވަނީ މަސައްކަތް ކުރަން ފަށާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބޭ ހާއްސަ ބަލިތަކުގެ ފަރުވާ:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ 3 ޑޮކްޓަރުންނާއި، ކުޑަދިންގެ ބަލިތަކަށް ހާއްސަ 3 ޑޮކްޓަރުންނާއި ހޭނައްތާ 3 ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން 3 ސާޖަނަކާއި 3 ފިޒީޝަނަކާއި ކަށީގެ ބަލިތަކަށް ހާއްސަ 2 ސާޖަނުންނާއި ހަމުގެ ބަލިތަކަށް ހާއްސަ 1 ޑޮކްޓަރަކާއި އަދި ނަފްސާނީ ބަލީގެ ހާއްސަ 2 ޑޮކްޓަރުން ހިދުމަތް ދެއެވެ.

ހަމައެހެންމެ ކަރުންމަތީގެ ބަލިތަކަށް ހާއްސަ ސާޖަނަކާއި 2 ރޭޑިއޮލޮޖިސްޓަކާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން ނާރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކު އަންނަނީ އެހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގައި ކުރިއަށްދާ މަސައްކަތްތައް:

ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އޮކްސިޖަން ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތާއި ހޮސްޕިޓަލުގެ 30 އެނދުގެ އާ ވާޑް އިމާރާތް ކުރުމާއި އެމްއާރުއައި މެޝިން ބަހައްޓާ ރޫމް ތައްޔާރު ކުރުން ހިމެނެއެވެ.

އޭގެ އިތުރުން އޯޕީޑީ މަރާމާތު ކުރުމާއި ލެބޯޓްރީ ބޮޑު ކުރުމުގެ މަސައްކަތް އަދި ސެންޓްރަލް ސްޓެރިލައިޒޭޝަން ސާވިސް ޑިޕާޓްމަންޓް ގާއިމު ކުރުމަށްޓަކައި އިމާރާތައް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.

އޮކްސިޖަން ޕްލާންޓު ބަހައްޓާ އިމާރާތުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފައި. އަންނަ މަހުގެ ތެރޭގަައި މަސައްކަތް އެއްކޮށް ނިމޭނެ
ދާއޫދު

އޭގެ އިތުރުން ދާއޫދު ވިދާޅުވީ، އެ ހޮސްޕިޓަލުގެ 30 އެނދުގެ އާ ވާޑް އިމާރާތް ކުރުމުގެ މަސައްކަތަށް ވެސް ކުރިއަށް ދާ ކަމަށެވެ. އަދި އެމަސައްކަތް ނޮވެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.

އުއްމީދު ވަރަށް ބޮޑު:

ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން އެސަރަހައްދުގެ ރައްޔިތުންގެ އުންމީދަކީ ވެސް ބޭސް ފަރުވާއަށް މާލެ ނައިސް ރަނގަޅު ސިއްހީ ހިދުމަތެއް ކައިރިން ލިބިގެން ދިއުމެވެ. މިހާރު ވެސް ގިނަ ބަޔަކު އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދާ އިރު ހޮސްޕިޓަލުގައި މިހާރު ތަަރައްގީ ކުރަމުންދާ ހިދުމަތްތަކާއެކު އެހޮސްޕިޓަލް ވެފައި ވަނީ އަތޮޅުތެރޭގައި ހުރި އެންމެ ރަނގަޅު އެއް ހޮސްޕިޓަލަށެވެ.