މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފެށިގެން ފައިނަލާ ހަމައަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޖަރުމަނުވިލާތުގެ ޗެމްޕިއަންސް ބަޔާން މިއުނިކް 6 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފިއެވެ.
ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފަރަންސޭސި ޗެމްޕިއަން ޕީއެސްޖީއާ ވާދަކޮށް ބަޔާން މެޗު ކާމިޔާބުކުރީ 1-0 ގެ ސްކޯއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މުހިއްމު ފުރުސަތުތަކެއް ލިބުނެވެ. ޕީއެސްޖީއަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ނޭއިމާ އަދި ފަރަންސޭސި ފޯވަޑް ކިލިއަން އެމްބާޕޭ ޖެހި ޝޮޓުތައް ގޯލުތަކަށް ނުވެ ސަލާމަތް ކުރީ ބަޔާންގެ ހުށިޔާރު ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާއެވެ.
ފުރަތަމަ ހާފްގައި ބަޔާންގެ ފޯވަޑް ރޮބާޓް ލެވެންޑޯސްކީއަށް ވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނު އިރު އޭނާ ފޮނުވާލި ޝޮޓު ނިކުތީ ގޯލުގެ ދަނޑިގައި ޖެހިފައެވެ.
ދެވަނަ ހާފްގައި މުޅިންހެން ކުޅުނީ ބަޔާންއެވެ. ހަމަލާއަކަށް ފަހު ހަމަލާއެއް ޕީއެސްޖީގެ ގޯލަށް އަމާޒުކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 59 ވަނަ މިނެޓްގައި ކިމިކް ނަގާ ދިން ހުރަހެއް ބޮލުން ޖަހާ ވައްދާލައިގެން ކިންގްސްލީ ކޯމަން ބަޔާންއަށް 1-0 ގެ ލީޑެއް ނަގާ ދިނުމެވެ. ކޯމަން އޭނާގެ ފުޓްބޯޅަައިގެ ހަޔާތް ފެށީ ޕީއެސްޖީގައެވެ.
0-2 އަކަށް ސްކޯ ހަދާނެ އިތުރު ފުރުސަތެއް ވެސް ކޯމަންއަށް ލިބުނު އިރު ދެވަނަ ހާފްގައި ވެސް ބަޔާންގެ ކީޕަރު ނޯޔާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
ރޭގެ މެޗުގައި ލިބުނު ކާމިޔާބީއާއެކު ބަޔާން ވަނީ ކްލަބްގެ ތާރީޚުގައި ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާ އިނގިރޭސި ޗެމްޕިއަން ލިވަޕޫލްގެ ރިކޯޑާ އެއްވަރުކޮށްފައެވެ. ބަޔާންއަށް ވުރެ ގިނައިން މި ތަށި ކާމިޔާބުކޮށްފައިވަނީ އިޓަލީގެ އޭސީމިލާން އަދި ސްޕެއިންގެ ރިއަލްމެޑްރިޑެވެ.
ރޭގެ މެޗުން ބަލިވި ޕީއެސްޖީ މިއީ ޗެމްޕިއަސް ލީގު ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރު ނަމަވެސް ރޭގައި ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ނެއިމާ، އެމްބާޕޭ އަދި ޑި މާރިއާއަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.