އީރާނުގެ ވެރިރަށް ތެހްރާންއިން އުދުއްސާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަސްކަރިއްޔާއަށް އެރި އޮޅުމަކުން މިސައިލް ހަމަލާ ދީ ވައްޓާލާފައިވާ ޔޫކްރައިންގެ ޕަސެންޖާ ފްލައިޓްގެ ކޮކްޕިޓް ވޮއިސް ރެކޯޑަރުގައި ހުރި ބައެއް މައުލޫމާތަކީ، މި ހަމަލާއަށްފަހު ރެކޯޑް ކުރެވިފައިވާ މައުލޫމާތު ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އީރާނުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާގެ އޮފިޝަލުން ވިދާލުވީ ބޮއިންގް 737 މަރުކާގެ މި ބޯޓަށް ފުރަތަމަ މިސައިލް ހަމަލާ އަމާޒުވި ފަހުންވެސް ބޯޓުގެ ފަސެންޖަރުންނާ ޕައިލެޓުންގެ ފުރާނަ ހުއްޓެވެ. 2 ވަނަ ހަމަލާ އަމާޒުވީ، ފުރަތަމަ ހަމަލާގެ 25 ވަރަކަށް ސިކުންތު ފަހުންނެވެ.

ޔޫކްރައިން އިންޓަނޭޝަނަލް އެއާލާއިންސްގެ ފްލައިޓުން ދަތުރުކުރި 176 މީހުންގެ ފުރާނަ ވަނީ މި ހާދިސާގައި ގެއްލިފައެވެ.

ޔޫކްރައިންގެ ފްލައިޓް ޕީއެސް752އަށް އީރާނުގެ މިސައިލް ހަމަލާ އަމާޒުވި މަންޒަރު/ފޮޓޯ: އީޔޫޓުޑޭ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އިސްވެރިޔާ ކެޕްޓަން ޒަގާނީހް ވިދާޅުވީ، ފުރަތަމަ މިސައިލް ހަމަލާ އަމާޒުވި ފަހުންވެސް 2 ޕައިލެޓުންގެ މެދުގައި ވާހަކަ ދެކެވުނު އަޑު ރެކޯޑް ކުރެވިފައިވާކަމަށާ، 19 ސިކުންތަށް އެ ވާހަކަތައް ދެމިގެންދިޔަ ކަމަށެވެ. ނަމަވެސް އެ ވަގުތުގައި ދެއްކީ ކޮން ވާހަކަތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކެޕްޓަން ޒަގާނީހް ވިދާޅުވީ އެންމެ ފަހު ވަގުތު ކޮޅާ ޖެހެންދެންވެސް ޕައިލެޓުން ބޯޓު ދުއްވަމުން ދިޔަ ކަމަށެވެ.

ބޯޓުގެ ކަޅުފޮށިތަކަށް ރެކޯޑް ކޮށްފައިވާ މައުލޫމާތު ހިއްސާކުރައްވަމުން ކެޕްޓަން ޒަގާނީހް ވިދާޅުވީ، ފުރަތަމަ މިސައިލް ގޮވުމާއެކު ބޯޓަށް ތޫނު އެއްޗެއްގެ ހަމަލާ އަމާޒުވި ކަމަށާ، އޭރުވެސް ބޯޓު ދަތުރު ކުރަމުންދިޔަ އާންމު ފްލައިޓްތައް ދަތުރުކުރާ ރާސްތާއިން ކަމަށެވެ. ފުރަތަމަ ހަމަލާ އަމާޒުވުމާއެކު ބޯޓުގެ ކަރަންޓުގެ ނިޒާމަށް މައްސަލަ ކުރިމަތިވި ކަމަށާ، ނަމަވެސް ދެވަނަ ހަމަލާ އަމާޒުވިއިރުވެސް ބޯޓުގެ 2 އިންޖީނު މަސައްކަތް ކުރަމުންދިޔަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި ފަސެންޖަރުންގެ ކެބިންތަކުން އެއްވެސް އެއްވެސް އަޑެއް ނީވޭކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

180 މީހުންނާއެކު އީރާނުން އުދުއްސާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: އިސްނާ

ފްލައިޓް ޕީއެސް752ގެ ކަޅުފޮށީގެ މައުލޫމާތު އެއްކުރަމުންދަނީ މިކަމުގެ ތަޖުރިބާ ލިބިފައިވާ އެންމެ ފުންނާބު އުސް އެއް ގައުމު ކަމަށް ފަރަންސޭސިވިލާތުންނެވެ. ނަމަވެސް، މިކަމާ ބެހޭ އެއްވެސް ތަފްސީލެއް، ފަރަންސޭސިވިލާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔޫކްރައިންގެ ފަސެންޖަރުން އުފުލާ ފްލައިޓް ވައްޓާލި ދުވަސްވަރަކީ، އީރާނުގެ ނުފޫޒުގަދަ އަސްކަރީ ލީޑަރެއް އަވާހަރަކޮށްލި މައްސަލާގައި އީރާނާ އެމެރިކާއާ ދެމެދު ހަމަލާތަކެއް ބަދަލު ކުރަމުންދިޔަ ވަގުތެއް ކަމުން، އީރާނުގެ ދިފާއި މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައި އޮތް ދުވަސްވަރެކެވެ. ޔޫކްރައިންގެ ފްލައިޓަށް ހަމަލާ ދެވުނީ އަސްކަރިއްޔާއަށް ހެދުނު ބޮޑު ގޯހަކުން ކަމަށް އީރާނުން ވަނީ އިއުތިރާފުވެފައެވެ.