ހެލްތު މިނިސްޓްރީގެ ހިޔާނާތުގެ މައްސަލަ ބަލަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، ހެލްތް މިނިސްޓްރީގެ އޮޑީޓް ރިޕޯޓުން ކޮވިޑްއާ ގުލީގެން ހިންގާފައިވާ މުއާމަލާތްތަކުގެ ތެރެއިން ފާހަގަވި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުކުރަން ފުލުހުންނާއެކު އިއްޔެ ޖޮއިންޓް އޮންވެސްޓިގޭޝަންގެ އެއބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހެލްތު އޮޑިޓް ރިޕޯޓުގައި ވަނީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ. އޮޑިޓަ މި ގޮތަށް ލަފާ ދެއްވުމުން އެ ރިޕޯޓުގައި ހުރި ކޮރަޕްޝަންގެ ކަންކަން ބެލުމަށް ފުލުހުންނާއި އޭސީސީއަށް އެންގީ ރައީސް އޮފީހުންނެވެ.

މީގެ އިތުރުން އޮޅުވާލުމުގެ ގިނަ ތުހުމަތު ތަކެެއް ކޮށްފައިވާއިރު، ތިންލައްކައަށް ވުރެ ގިނަ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް ފަރާތތަކުން ވަނީ ސަސްޕެންޑްކޮށްފައެވެ. ހަމައެއާއެކު މި މައްސަލަ ފެންމަތިވެގެން އައި އިރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.

ހެލްތުގެ އޮޑިޓް ރިޕޯޓުގެ އިތުރުން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަަތއް ވެސް ބެލުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ. ނަމަވެސް ތޫރިޒަމްގެ މައްސަލަ ބެލުމަށް އެދިފައިވަނީ ހަމައެކަނި އޭސީސީގައެވެ.