މިރެއިން ފެށިގެން ރޭގަނޑު 8 ގެ ފަހުން އެއްގަމު އުޅަނދު ދުއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމަކީ އެތައް ބަޔަކަށް ތަކުލީފްތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައެއް ފަހަރު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެޗްޕީއޭއިން ކަންކުރަން އުޅޭ ހެން ހީވާ ކަމަށެވެ.

އުޝާމް މިހެން ވިދާޅުވީ ރޭ ކޮވިޑްއާ ގުޅިގެން ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑުން ރައްކާތެރިވުމަށް މިވަގުތު އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި މިރޭގެ ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގައި ނިންމުމާ ގުޅިގެންނެވެ.

އުޝާމް އިތުރަށް ވިދާޅުވީ، އެ ގޮތަށް ނިންމުމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށް ވާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ގެނެވެން ނެތް ކަމަށެވެ.

އެޗްއީއޯސީން ބުނެފައި ވަނީ، އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާ ވަގުތުތަކުގައި ވެހިކަލް ދުއްވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދޭނެ ކަމަށެވެ. ނަމަވެސް އެކަން ތަކުރާރު ވާނަމަ، ވެހިކަލާއި ވެހިކަލް ދުއްވާ މީހާވެސް ޖޫރިމަނާ ކުރާނެ ކަމަށާއި ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް ޓޯ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ.

އެޗްއީއޯސީން މި ގޮތަށް ނިންމާފައި ވަނީ މަގުމަތީގައި މީހުން އުޅުން މަދުކުރުމަށެވެ. މި ދަނޑިވަޅުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ފިޔަވަޅުތައް ހަރުދަނާ ކުރަމުން އެޗްއީއޯސީން ވަނީ ކޮންމެހެން ބޭރަށް ދާން ޖެހިގެން މެނުވީ ބޭރަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.