ތާރީހު ނުދެކޭ ވަރުގެ ބޮޑު ކާރިސާއަކާ މުޅި ދުނިޔެ ކުރިމަތިލާފައިވާ މި ދަނޑިވަޅުގައި، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށާ، މިއާ ވިދިގެން ދެން ކުރިމަތިވާ އިތުރު ކާރިސާތަކުން ފޯރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގައުމުތަކުން ދަނީ މާޒީގައި ތަޖުރިބާ ކޮށްފައި ނުވާފަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުތަކުން ކުރާ ހޭދަ އިތުރުކޮށް، ދަރަންޏަށް ބަރޯސާވާ މިންވަރު އިތުރު ކުރަމުންދާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުން ދިފާއުވެ ތިބުމަށް ބޭނުންވާ ވެކްސިނެއް އުފައްދާ، އެންމެނަށް އިންސާފުން އެ ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުންތަކެއް ދަނީ ގާއިމު ކުރެވެމުންނެވެ.

ނަމަވެސް، ކޮވިޑް-19ގެ އަސަރު ސީދާ ގޮތުން ނޫން ކަމުގައި ވީ ނަމަވެސް އެންމެ ބޮޑަށް ފޯރަމުންދާ އެއް ބިންގަލަކީ ޑިމޮކްރަސީގެ އަސާސްތައް ކަމާ މެދަކު ޝައްކެއް ނެތެވެ. ޒާތީ އަދި މަދަނީ އިމްތިޔާޒުތަކާ މިނިވަންކަމާ، ހެލިފެލިވެ އުޅުމުގެ މިނިވަންކަމާ، ވިޔަފާރީގެ މިނިވަންކަމާ، އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅުންހުރި އަސާސީ އެތައް ކަމަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ. ޑިމޮކްރަޓިކް ވެއްޓަކުން ފެންނަމުންދިޔަ އެތައް ސިފައެއް ވަނީ ބަދަލުވެފައެވެ. އިންތިހާބުތައް ފަސްކުރުމާ، މަޖިލިސް ބައްދަލުވުންތައް ފަސްކުރުން ފަދަ އެތައް ކަމެއް ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ފެންނަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މާސްކުގައި/ފޮޓޯ: ރޮއިޓާޒް

ފާއިތުވެދިޔަ އަހަރުތަކުގައި ގައުމުތަކުން ޑިމޮކްރަސީ ހޯދާ އެ ފައްކާ ކުރަމުންދިޔަ ދިއުމުގެ ނަތީޖާ ކަރުދާސް ދޫކުރާ އިމްތިހާނަކަށް ކޮވިޑް-19 ވެފައިވާ ފަދައެވެ. ސަރަހައްދީ އިމުގެ އެތެރޭގައި ހަމަހަމަކަން ނެތުމާ، ގައުމިއްޔަތުގެ ނަމުގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް މެކުހަށް ޖެހުމާ، ޓެކްނޮލޮޖީގެ ސިނާއަތަށް ބާރުބޮޑުވުން ފަދަ އެތައް ކަމަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ބޭރު ދުނިޔޭން އަންނަ ޕްރެޝަރުތައްވެސް ގައުމުތަކަށް އެހާމެ ބޮޑެވެ. އާރާ، ބާރާ ނުފުޒޫގެ ގޮތުން އުހުގައި އޮތް ގައުމުތަކުން އަދިވެސް ފިޔަޖަހަނީ އުހަށް އެރުމަށެވެ.

މިހާލަތުގައިވެސް ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، އެންމެ ނިކަމެތި ގައުމުތަކުންވެސް ހަރުކަށި ފިޔަވަޅުތަކަށް ބަރޯސާވާން ފެށިއެވެ. އެ ގައުމުތަކުގައި އޭރު އުފެދިފައި އޮތް އިޖުތިމާއީ ތަކުލީފުތައް އިތުރުވާން ފެށިއެވެ. އެއްވެސް ބަޔަކަށް އެ ވައިރަހަކާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް ނޭނގޭ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އާ ބެހޭ ގޮތުން ތަފާތު އަޑުތައް ފެތުރެން ފެށީ، ދޮގު ތެދު ވަކިނުވާ ހަލުވި މިނުގައެވެ. މަދަނީ ހައްގުތައް ހަނި ކުރަމުން ގޮސް، އާންމު ދިރިއުޅުމުގެ އާދަތައް ޓްރެކްކޮށް ޓްރޭސް ކުރަން ޖެހެއެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން އީރާނުގެ ރައީސް ހަސަން ރޫހާނީ ގައުމަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް-19އަކީ މުޅި ދުނިޔެ އިންދަޖައްސާލި ބަލިމަޑުކަމަށް ވާއިރު، ޑިމޮކްރަޓިކް ނިޒާމަކީ މިކަމުން އިސްތިސްނާ ވެދާނެ އެއްޗެއް ކަމަށް ބެލެވޭކަށް ނެތެވެ. 2020 ވަނަ އަހަރުގެ ބޮޑު ބައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފާއިތުވެ ގޮސްފައިވާއިރު، ޑިމޮކްރަޓިކް ނިޒާމަށްވެސް ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. އެގޮތުން އިންތިހާބުގެ ރައްކާތެރިކަމާ ނަޒާހާތްތެރިކަން ކަށަވަރުކޮށްދިނުމާ، ގައުމިއްޔަތުގެ ނަމުގައި އުފެދޭ ފިކުރުތަކާ، ތަޖުރިބާކާރުންގެ ބަހަށް ބާރޯސާވާންޖެހޭ އިމަކީ ކޮބައިކަން ކަނޑައެޅުމާ، ދާހިލީ ފެންވަރުގައި ދައުރުވާ ތޯތޯ ވާހަކަތަކުން އެތައް ގޮންޖެހުމަކާ ވަނީ ކުރިމަތި ކުރުވާފައެވެ.

އިންތިހާބީ ރައްކާތެރިކަމާ ނަޒާހާތްތެރިކަން ކަށަވަރު ކުރުން

ލަފާވެސް ނުކޮށް ތިއްބާ ކުރިމަތިވި ކޮވިޑް-19ގެ ތޫފާނާއެކު އެންމެ ބޮޑު ބަދަލެއް އައި ޑިމޮކްރަޓިކް އެއް އަސާސަކީ އިންތިހާބީ ނިޒާމެވެ. އިންތިހާބުތަކަށް "އިންގިލާބީ" ބަދަލުތަކެއް ގެނުވައިފިއެވެ. ބައެއް އިންތިހާބުތައް ފަސްކުރިއިރު، އަނެއްބައި އިންތިހާބުތައް ކެންސަލްވެސް ކުރިއެވެ. ބައެއް ސަރަހައްދުތަކުން، އެތައް މަހަކަށް އިންތިހާބުތައް ފަސްކުރިއެވެ.

އިންތިހާބު ފަސްކުރުމަކާ ނުލާ، އިންތިހާބައިގެން ކުރިއަށްދިޔަ ފަރާތްތަކަށް ފާޑުކިއުންތައް އަމާޒުވިއެވެ. ފަރަންސޭސިވިލާތަކީ އިންތިހާބައިގެން ކުރިއަށްދިޔަ ގައުމެކެވެ. ވޯޓުގައި ބައިވެރިވި މީހުންގެ އަދަދު ނިސްބަތުން މަދުވުމާއެކު، ސިޔާސީ ހައިޖާނަކަށް މަގުފަހިކުރިއެވެ. ކަންމިހެން އޮތްއިރު، އިންތިހާބު ފަސްކުރުމަކީވެސް ހައްލެއް ނޫނެވެ. ބަލިމަޑުކަމުގެ އޮއެވަރުގައި ނަގާ ރާޅުބާނި ބޮޑުވެ، ދެވަނަ ބޮޑު ރާޅެއް އަރާނީ ކޮން އިރަކުކަން ބުނަން ދަތިވުމަކީ އިންތިހާބު ފަސްކުރުމުގައި ކުރިމަތިލާންޖެހިދާނެ ނުރައްކަލެކެވެ.

ސްރީލަންކާގެ އާންމު އިންތިހާބަށް ވޯޓު ކަރުދާސް އުފުލަނީ/ފޮޓޯ: އޭޕީ ނިއުސް

މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދަން ތާވަލު ކޮށްފައިވާ ރިޔާސީ އިންތިހާބަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޑިމޮކްރަސީގެ އަސާސްތައް އިމްތިހާނު ވެގެންދާނެ އެންމެ ވަރުގަދަ އެއް އިންތިހާބެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާއަކީ، ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ގަދައަށް ފެތުރިފައިވާ ގައުމުކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް-19ގެ ލޮޅުންތައް މިހާރުވެސް އެމެރިކާގެ އިންތިހާބަށް ވަނީ ސިޔާސީ ނުފޫޒުގެ ތެރެއިން ކަމުގައި ވީ ނަމަވެސް ފޯރަން ފަށާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، މަރުކަޒުތަކަށް ގޮސްގެން ވޯޓުލާން މީހުން ޖެހިލުންވާނެ ކަމީ ޔަގީން ކަމެކެވެ. އެމެރިކާގެ އިންތިހާބީ ނިޒާމު ރޭވިފައި އޮންނަ ގޮތުން މެއިލް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައި ވިއްދަވައިގެން ހުންނެވި އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި ފުރުސަތު ހަނި ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. ޓްރަމްޕް ޖައްސަވާހާ ބެރަކަށް ޕޯސްޓް އޮފީހުންވެސް ދަނީ ނަށަމުންނެވެ. ރައްޔިތުން ވޯޓުލީ ކަމުގައި ވީ ނަމަވެސް، އިންތިހާބުގެ ސުންގަޑި ޖެހޭއިރުވެސް ކަމާބެހޭ ފަރާތްތަކަށް މެއިލް-ވޯޓު ކަރުދާސްތައް ފޯރުކޮށް ނުދެވޭނެ ކަމުގެ އިންޒާރު، ޕޯސްޓް އޮފީހުން ވަނީ ދީފައެވެ.

އެމެރިކާގެ ޕޯސްޓް އޮފީހުގެ މުވައްޒަފަކު ޑިއުޓީގައި/ފޮޓޯ: ޕޮލިޓިކޯ

ދެން އޮތީ ސިޔާސީ ކެމްޕޭންތަކާ ރެލީތަކުގެ ވާހަކައެވެ. މިއީވެސް ސީދާ ގޮތުން ކޮވިޑް-19ގެ އަސަރު ފޯރާފައިވާ ޑިމޮކްރަޓިކް ހަރަކާތްތަކެވެ. ޖިސްމާނީ ގައިދުރުކަމާ އެނޫންވެސް އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރަން މަޖުބޫރުވާއިރު، ގިނަ ބަޔަކު އާދަވެފައިވާ ބީދައަކުން ސިޔާސީ ހަރަކާތްތައް އަމަލީ ގޮތުން ހިންގަން ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ޑިމޮކްރަޓިކް ނިޒާމެއްގެ ހުރިހާ އަހުލުވެރިންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައަކަށް ނުވެދާނެއެވެ. ޑިޖިޓަލް ދުނިޔެއަށް ބީރައްޓެހި ބަޔަކުވެސް ތިބިކަން ގަބޫލުކުރަންޖެހެއެވެ.

ޑިމޮކްރަޓިކް ވެރިކަމަކީ ރައްޔިތުންގެ ވެރިކަމަކަށް ވާއިރު، ރައްޔިތުންގެ ބާރު އެންމެ ބޮޑަށް ދައްކުވާދޭންޖެހޭ އެއް ތަނަކީ ގާނޫނު ހަދާ، ރައްޔިތުންގެ މަޖިލިސްތަކެވެ. ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ، އާ އާންމު ހާލަތުގެ ތެރެއިން، މަޖިލިސް ހިންގުމަކީވެސް މިއަދު މާ ފަސޭހަ ކަމެއް ނޫނެވެ.

ތަޖުރިބާކާރުންނަށް ހައްގު މަގާމު ދިނުން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަޑުފަށްގަނޑާއެކު، ޑޮކްޓަރުންނާ އެޕިޑެމިއޮލޮޖިސްޓުންނާ، ކުއްލި ނުރައްކަލުގައި ހަރަކާތްތެރިވާ އެނޫންވެސް ހިދުމަތްތެރިންގެ މުހިންމުކަން ގައުމުތަކަށް ވިސްނެން ފެށިއެވެ. ދުނިޔޭގެ އެންމެ އިރުން ހުޅަނގުގެ ބޮޑެތި ޑިމޮކްރަސީތަކަށް ބެލި ކަމުގައި ވީ ނަމަވެސް، ވަރުގަދަ ޓީވީ ސްޓޭޝަންތަކުގެ މެހެމާނުންގެ ގޮނޑިކޮޅުތަކުން ފެންނަނީ ދާއިރާގެ ތަޖުރިބާކާރުންނެވެ. މީގެ ކުރިން ސިޔާސީ ޝަހްސުން ފުރަމުންދިޔަ އެއާޓައިމް ހާއްސަކޮށްފައިވަނީ ބަލިމަޑުކަމާ ބެހޭ ޕްރެސް ކޮންފަރެންސްތަކާ، އާންމު މައުލުމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ. މީގެ ކުރިންވެސް މުހިންމު ޒިންމާތަކެއް އަދާކުރައްވަމުން ގެންދެވިކަމުގައި ވީނަމަވެސް ގިނަ ބަޔަކަށް ބީރައްޓެހި މޫނުތަކެއްކަމުގައިވި ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، ޑރ އެންތަނީ ފައޫޗީ އަދި ޑރ ނަޒްލާ ރަފީގު ފަދަ ޝަހްސުންނަކީ މިއަދު ސިޓިންގްރޫމްތަކަށް ފަރިތައް ބަޔަކަށްވެއްޖެއެވެ.

އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ/ފޮޓޯ: އަލް ޑްރާގޯ

އެންމެންގެ ފުރާނައާ ގުޅިފައިވާ މުހިންމު ނިންމުންތައް ނިންމަންޖެހިފައިވާއިރު، މުހިންމު ކޮމިޓީތަކާ ބައްދަލުވުންތަކުގެ ރިޔާސަތު ފުރަމުންދަނީވެސް ދާއިރާގެ ތަޖުރިބާކާރުންނާ ފަންނީ މާހިރުންނެވެ. ސިޔާސީ ތަޖުރިބާއިން ޖެހި މެޑަލްތަކުގެ ބޭނުމެއް މިއަދު ނެތެވެ. އެފަދަ ޝަހްސަކުން ބުނާ އެއްޗަކަށްވުރެ، އާންމު މީހާއަށް މިއަދު އަގު ހުންނަނީ ތަޖުރިބާކާރުންނާ މާހިރުން ބުނާ އެއްޗެއްގައެވެ.

ޑިމޮކްރަޓިކް މޮޑެލް ހިމާޔަތް ކުރުން

ދެން ވެދާނެ ގޮތެއް ލަފާ ކޮށްލުމަކީވެސް ދަތިކަމަކަށް ވެފައިވާ އަދުގެ ދުނިޔޭގައި ނިންމުންތައް ނިންމަންޖެހިފައިވަނީ އިންތިހާ ހަލުވި ދުވެއްޔެއްގައެވެ. ކިތަންމެ ބޮޑު ނިންމުމެއް ކަމުގައި ވީ ނަމަވެސް މުހިންމުވެފައި އޮންނަނީ ދުވެއްޔެވެ. ޑިމޮކްރަޓިކް އިމުގެ ތެރެއިން ކުރެވޭ ސިޔާސީ ބަހުސްތައް ދިގުދަންމާލެވޭކަށް ފުރުސަތެއް ނޯވެއެވެ.

ޑިމޮކްސަރީއަށް ބީރައްޓެހި ސަރަހައްދެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އިރުމަތީ ބިތުގެ ގައުމުތަކުން ކޮވިޑް-19އަށް ދިން އިޖާބައަށް ބައިނަލްއަގުވާމީ ފެންވަރުގައި ތައުރީފު އޮހެއެވެ. މިއާ ހިލާފަށް ޑިމޮކްރަސީގެ އުސޫލުތަކާއެކު ބާރުތައް ބައި ކުރެވިފައިވާ އެމެރިކާގެ މަސްރަހަށް ބަލާލަމާތޯއެވެ. މައި ސަރުކާރާ، ސަރަހައްދީ ސަރުކާރުތަކުގެ ދެބަސްވުމާ އަރައިރުން އިންތިހާއެވެ. ބަލިމަޑުކަމީވެސް، ސިޔާސީ އެއްޗަކަށް ވެއްޖެއެވެ. އިނގިރޭސިވިލާތާ، އިންޑިއާ ފަދަ ގައުމުތަކުގެ ހާލަކީވެސް މިއީ ނޫންތޯއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން/ފޮޓޯ: ސްކައިނިއުސް

ކޮވިޑް-19 އަށް އިސްކަން ދީ، ބައެއް ގައުމުތަކުން އިންތިހާބުތައް ފަސްކުރި ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރީ ދައުރުތަކަށް އިންތިހާބު ކޮށްފައިވާ މަގާމުތަކުގައި ތިބި ފަރާތްތަކުން ބާރާ ނުފޫޒު ގަދަ ކުރަމުންދާ ކަމީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ބައެއް ގައުމުތަކުން ވަނީ، އިދިކޮޅު ފަރާތްތަކުގެ އަޑު މުޅިހެން ކަނޑުވާލާފައެވެ. މިއީ ޑިމޮކްރަޓިކް ވެއްޓެއްގައި ބަޔަކު ދެކޭނެ އެންމެ ނާމާން ދުވަސްވަރެވެ.

ދެން ހަދާނީ ކިހިނެއް؟

މިއަދު ގަބޫލުކުރަންޖެހިފައިވާ އެންމެ ބޮޑު އެއް ހަގީގަތަކީ ކޮވިޑް-19އާއެކު ދިރިއުޅުން ކުރިއަށް ގެންދަން ދަސްކުރަން ޖެހިފައިވާކަމެވެ. ނަމަވެސް، އެތައް ބަޔަކު ލޭ އޮހުރުވާ، އެތައް އެއްޗަކާ ވަގުތެއް ގުރުބާން ކޮށްގެން ފައްކާކުރި ޑިމޮކްރަސީގެ ފޮނި މީރުކަން ގެއްލޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެކަން ދެމެހެއްޓުމަށްޓަކައި، ކުއްލި ނުރައްކަލުގެ ބައެއް ފިޔަވަޅުތަކަށް ދާއިމީ ހައްލެއް ބޭނުންވެއެވެ.

އެންމެ މުހިންމު ކަމަކީ، ރައްކާތެރިކަމާ، ސަލާމަތްތެރިކަމާއެކު، ސައްހަ، ނަޒާހާތްތެރިކަން ކަށަވަރު އިންތިހާބީ އިޖުރާއަތެއް އެކުލަވާލާ، ތަންފީޒު ކުރަން ފެށުމެވެ. ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަމެއްގައި ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބިދޭންޖެހެއެވެ. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނަން ނޭނގޭއިރު، ވަކި ދައުރަކަށް އިންތިހާބު ކުރި ބަޔަކު އިސް ސަފަށް ނެރެގެން ތިބެވޭކަށްވެސް ނެތެވެ. ބަދަލެއް ބޭނުންވާ ނަމަ އެ ބަދަލެއް ގަނައުމުގެ ހައްގު، ރައްޔިތުންނަށް އެބައޮތެވެ. އެ ފުރުސަތު ދޭންޖެހެއެވެ.

އިރާގުގެ ބަސްރާގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި ހުޅުޖަހާފަ/ފޮޓޯ: ދަ ނޭޝަނަލް

ހަމަ މިފަދައިން، ސިޔާސީ ޕްލެޓްފޯމުގައި ތަޖުރިބާކާރުންނާ މާހިރުންނަށްވެސް ހައްގު މަގާމު ދެވެން އެބަ ޖެހެއެވެ. ކޮވިޑް-19އާ ގުޅިގެން ތަންފީޒު ކުރަން ފެށި ބައެއް ސިޔާސަތުތަކާ އުސޫލުތަކަކީ އަދިވެސް ދެމިގެންދާޏެ ސިޔާސަތުތަކަކާ އުސޫލުތަކަކަށް ވާއިރު، ލީޑަރުންގެ ފެންވަރުގައި މިކަން ކުރެވޭ ހައިސިއްޔަތު، ތަޖުރިބާކާރުންނާ މާހިރުންނަށްވެސް ދޭން ޖެހެއެވެ.

ޑިމޮކްރަސީއަކުން ޑިމޮކްރަސީ އިސްތިހާރު ކޮށްދޭންޖެހެއެވެ. ބާރު އޮތީ ރައްޔިތުންގެ ކިބައިގައި ނޫންކަން އިހުސާސްވިޔަ ދީގެން ވާކަށް ނެތެވެ. ޑިމޮކްރަޓިކް އިމުގެ ތެރެއިން ކަންކަން ނިންމުމަށް ރައްޔިތުންނަށް ހިތްވަރު ދެވެން ޖެހެއެވެ. ވަކި ބަޔަކު ބޭނުންހާ ގޮތަކަށް ކަންކަން ނިންމާލުމަކީ އިންސާފެއް ނޫންކަން ބުނެދޭން ކެރޭނެ މުޖުތަމައެއް ބިނާ ކުރަންޖެހެއެވެ. ޑިމޮކްރަސީ މިނިވަންކަމުން ލިބިދިން ފައިދާތައް، އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދޭން ޖެހެއެވެ. ކޮވިޑް-19އަކީ އެކަން ނުކުރުމަށް ދައްކަން އޮތް އުޒުރަކަށް ވިޔަ ދީގެން ނުވާނެއެވެ.